އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ ހެލިކޮޕްޓަރުތަކާއި ޑޯނިއާ ބޯޓް ދުއްވަން ރާއްޖޭގައި ހަރަކާތްތެރިވި 76 ސިފައިން ފޮނުވާލައި، ހަމަ އެއަދަދަށް އިންޑިއާގެ މަދަނީ މުވައްޒަފުން ރާއްޖެ އައިސްފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ވައުދުފުޅެކެވެ. އެވައުދުފުޅާ އެއްގޮތަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލައިފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ރާއްޖޭގައި ތިބި 76 އިންޑިއާ ސިފައިން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖޭން ފައިބައިފައިވާ ކަމަށެވެ.
ޒަމީރު ވިދާޅުވީ އިންޑިއާ ސިފައިންގެ ބަދަލުގައި ރާއްޖޭގައި މިހާރު ހަރަކާތްތެރިވަނީ މަދަނީ މީހުން ކަމަށެވެ. އުޅަނދުތައް އޮޕަރޭޓްކުރަން ތިބި 76 ސިފައިންގެ ބަދަލުގައި ގެނައީ މަދަނީ މީހުންގެ އަދަދަކީ 76 ކަމަށެވެ.
"މި މީހުންގެ ބަދަލުގައި ސިވިލިއަނުން މިހާރު އެ ތިބީ ކޮންމެ މީހަކަށް މީހަކު އައިސް، މެއިންޓެއިންކޮށް ބަލަހައްޓަން. އަދި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިކަމަށް ގެނެސްފައި މިތިބީ މިކަމަށް ބޭނުންވާ އަދަދަށް މީހުން ކުރީގައިވެސް،" ޒަމީރު ވިދާޅުވިއެވެ.
އަދި އެމީހުންނަކީ ހެލިކޮޕްޓަރު އުފެއްދި ކުންފުނި ކަމަށްވާ ހިންދުސްތާނު އެއިރޮނޮޓިކްސް ލިމިޓެޑްގެ މުވައްޒަފުން ކަމަށް ޒަމީރު ވިދާޅުވިއެވެ.
"އެ މަދަނީންނަކީ ހެލިކޮޕްޓަރު އުފެއްދި ހިންދުސްތާނު އެއިރޮނޮޓިކްސް ލިމިޓެޑް ކުންފުނީގެ މުވައްޒަފުން،" މިނިސްޓަރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ އެމީހުން ރާއްޖޭގައި ތިބޭނީ ސ. ގަމާއި ލ. ކައްދޫ އަދި ހދ. ހަނިމާދޫގައި ކަމަށެވެ. އެގޮތުން ސ. ގަމުގައި 26 މީހުން ތިބޭނެ ކަމަށާއި އެމީހުން ތިބޭނީ ފެބްރުއަރީ 2025ގެ ނިޔަލަށް ކަމަށެވެ. ކައްދޫގައި 25 މީހުން ތިބޭ އިރު, އެމީހުން ތިބޭނީ ފެބްރުއަރީ 2025ގެ ނިޔަލަށް އަދި ހަނިމާދޫގައި ތިބި 25 މީހުން ތިބޭނީ ފެބްރުއަރީ 2026ގެ ނިޔަލަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ކުރިން ވެސް ސިފައިން ތިބި އަދަދަކީ އޮޕަރޭޝަނަށް ސީދާ ބޭނުންވާ އަދަދު ކަމަށެވެ، ދިވެހިންގެ ކަންބޮޑުވުމަކަށް އޮތީ ބޭރުގެ ސިފައިންގެ ބަޔަކު ރާއްޖޭގައި ތިބުން ކަމަށާއި ސިފައިންގެ ބަދަލުގައި މަދަނީ މީހުން ތިބުމުން މައްސަލަ ހައްލުވީ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު