ސެނެހިޔާގައި ތިބި އިންޑިއާ އަސްކަރިއްޔާގެ ޑޮކްޓަރުން ފޮނުވާލުމުގެ ވިސްނުމެއް ނެތް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޒަމީރު ވިދާޅުވީ، ސެނެހިޔާގައި ތިބި ޑޮކްޓަރުންނަކީ 10 ސެޕްޓެމްބަރު 2012 އިން ފެށިގެން ދިވެހި ސިފައިންގެ އެދުމުގެ މަތިން ސިފައިންނަށް ހިދުމަތްދިނުމަށް ރާއްޖެ ގެނެސްފައި ތިބި ޑޮކްޓަރުން ކަމަށެވެ. އަދި ސެނެހިޔާގައި މަސައްކަތްކުރާ ޑޮކްޓަރުންނަކީ، އިންޑިއާގެ ސިވިލިއަނުން ކަމަށާއި ވަރަށް ގިނަ ގައުމުތަކުން ސިވިލިއަނުންގެ ގޮތުގައި މަސައްކަތް ކުރަން ރާއްޖޭގައި ބޭރުގެ މީހުން އެބަތިބި ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އެމީހުންގެ ފަރާތުންވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާފަދަ ކަމެއް އޮތިއްޔާ ރާއްޖެއަށް މިވަގުތު އެ ޑޮކްޓަރުންގެ ބޭނުން ނުޖެހޭ ކަމަށްވަނީ ނަމަ އިންޑިޔާ ސަރުކާރުގައި ދަންނަވައިގެން އެކަންކަން ކުރިޔަށްގެންދިއުމުގެ ކަންކަން ކުރާނެ،" ޒަމީރު ވިދާޅުވިއެވެ.

މިވަގުތަށް އެ ޑޮކްޓަރުން ފޮނުވާލުމުގެ ބޭނުމެއް އޮތް ކަމަކަށް ސަރުކާރަށް ނުފެންނަ ކަމަށެވެ. އަދި އެމީހުންނަކީ އިންޑިއާގެ ޔޫޓީއެފް ގްރާންޑްގެ ދަށުން ރާއްޖެ ގެނެސްފައި ތިބި ޑޮކްޓަރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޔޫޓީއެފްއަކީ މިހާރުވެސް އިންޑިއާ ގަރާންޓެއްގެ ދަށުން މިހާރުވެސް ހިންގާ ޕްރޮޖެކްޓެއް. އެ ގްރާންޓުގައި ހިންގާ ޕްރޮޖެކްޓަކަސް އަމަލުކުރާ ގޮތުގެ މަތިން ޔޫޓީއެފްގައި އެކަންތައް އަމަލުކުރާނީ،" ޒަމީރު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، މިހާރު އެއްބަސްވެފައިވާ ގޮތުން ލ. ކައްދޫ އަދި ސ. ގަމުގައި ތިބި މީހުންގެ މުއްދަތު ހަމަވަނީ އަންނަ އަހަރުގެ ފެބްރުއަރީ ގައި ކަމަށެވެ. އަދި ހދ. ހަނިމާދޫގައި ތިބި ސިވިލިއަނުންގެ މުއްދަތު ހަމަވަނީ 2026ގެ ފެބްރުއަރީގައެވެ.