ރާއްޖޭގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް)، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ދޫކޮށް، އަލަށް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަން ތައްޔާރުވެފައިވާ އޮޑި ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.
ނިހާޓުގެ އިތުރުން ބައެއް އިތުރު ކުޅުންތެރިންވެސް ރޭ އޮޑި ސްޕޯޓްސް ކްލަބަށް ވަނީ ސޮއިކޮށްފައެވެ. އެ ކުޅުންތެރިން ރަސްމީކޮށް ރޭ އިއުލާން ކުރީ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތަކީ މަސްއޮޑި ސްޕޯޓްސް ކްލަބް، އޮޑި ސްޕޯޓްސް ކްލަބަށް ރީބްރޭންޑް ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެކެވެ.
ލ. މައިބަދޫއަށް އުފަން ނިހާޓަކީ ރާއްޖޭގައި މި ވަގުތުވެސް ހުރި އެންމެ ވަރުގަދަ އެއް މިޑްފީލްޑަރެވެ. އޭނާ 2019 ވަނަ އަހަރުން ފެށިގެން މާޒިޔާއަށް ކުޅެފައިވާއިރު، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ގައުމީ ޓީމުގައިވެސް ނިހާޓް ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ. އޭގެ ކުރިން ނިހާޓް ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކެޕްޓަން ބޭންޑުގައި ފުރަތަމަ ޑިވިޝަންގައި ކުޅެފައެވެ. އަދި މިހާރު ދެވަނަ ޑިވިޝަނުގައި އޮތް ވެލެންސިއާ ފުރަތަމަ ޑިވިޝަނުގައި އޮތްއިރުވެސް ނިހާޓް ފެނިގެން ގޮސްފައިވެއެވެ.
ނިހާޓްގެ އިތުރުން އޮޑި ސްޕޯޓްސް ކުލަބުން ވަނީ މުހައްމަދު ރަޝީދު (ހޮކޭ) އަލުން ސޮއިކުރިކަންވެސް އިއުލާން ކޮށްފައެވެ. މީގެ ކުރިން ރިޓަޔާކުރިކަން އިއުލާން ކޮށްފައި ހުރި ހޮކޭ، އެނބުރު ގަލޮޅު ދަނޑަށް ނުކުތީ މިދިޔަ އަހަރު ދެވަނަ ޑިވިޝަނުގައި މަސްއޮޑި ސްޕޯޓްސް ކްލަބާ އެކުގައެވެ.
ރޭގެ އިވެންޓްގައި އިތުރު ބައެއް ކުޅުންތެރިންވެސް އޮޑި ސްޕޯޓްސް ކްލަބާ ވަނީ ގުޅިފައެވެ. އޭގެ ތެރޭގައި ކުރިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުނު ޒުވާން ފޯވާޑް ހައިޝަމް ރަޝީދު، ސަޔަމް ސައީދާއި ރާހިލް ރަޝީދު (ރާއްކޮ) އަދި ކުރިން ކްލަބް ގްރީން ސްޓްރީޓްސްއަށް ކުޅުނު މުހައްމަދު މިންވާލާއި މުހައްމަދު މުސްލިހު (މުއްޓި) ވެސް ރޭ އޮޑި ސްޕޯޓްސް ކްލަބާ ގުޅުނު ކުޅުންތެރިންގެ ހިމެނެއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު