ވިލިމާލޭގައި 10 ބުރިއަށް އިމާރަތް ކުރެވޭ ގޮތަށް "މާލޭ ޕްލޭނިން ގަވާއިދު" އިސްލާހުކޮށްފިއެވެ.

"މާލޭ ޕްލޭނިން ގަވާއިދު" ގެ ދެވަނަ ބައި "ވިލިނގިލި އަވަށުގެ ޕްލޭނިން ގަވާއިދު" ގައި ވަނީ ވިލިމާލޭގައި އިމާރަތްކުރެވޭނެ އުސްމިން ބަޔާންކޮށްފައެވެ. ގަވާއިދުގައިވާ ގޮތުން ވިލިމާލޭގައި އެންމެ އުސްކޮށް އިމާރަތް ކުރެވޭނީ ހަ ބުރިއަށެވެ. އެއީ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި، 19.20 މީޓަރު ނުވަތަ 63 ފޫޓު އަދި ދިރިއުޅުމަށް ނޫން ބޭނުންތަކަށް ދޫކޮށްފައިވާ ގޮތީގައި 18.5 މީޓަރު ނުވަތަ 61 ފޫޓެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން ވަނީ "ވިލިނގިލި އަވަށުގެ ޕްލޭނިން ގަވާއިދު" އާ ގުޅޭ މާއްދާ އިސްލާހުކޮށް، މިއަދު ގެޒެޓުކޮށްފައެވެ.

އަލަށް ގެނައި އިސްލާހުގައިވާ ގޮތުން ދިރިއުޅުމަށް އަދި ދިރިއުޅުމަށް ނޫން އެހެން ބޭނުންތަކަށް ވެސް ދޫކޮށްފައިވާ ގޯތިތަކުގައި 30.48 މީޓަރު ނުވަތަ 100 ފޫޓު އުސްމިނަށް އިމާރަތް ކުރެވޭނެއެވެ. އެއީ 10 ބުރީގެ އިމާރާތެއްގެ އުސްމިނެވެ. އިސްލާހުގައިވާ ގޮތުން 10 ބުރިއަށް އިމާރަތް ކުރެވޭނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ފޯމިއުލާއާ އެއްގޮތަށެވެ.

އިސްލާހުގައިވާ ގޮތުން ދިރިއުޅުމަށް ނޫން ބޭނުންތަކަށް ދޫކޮށްފައިވާ ގޯއްޗެއްގައި 10 ބުރިއަށް އިމާރަތް ކުރެވޭނީ 20،000 ފޫޓަށްވުރެ އެ ގޯތި ބޮޑު ނަމައެވެ. 2،000 ފޫޓަށްވުރެ ގޯތި ކުޑަ ނަމަ، އިމާރާތް ކުރެވޭނީ ހަ ބުރިއަށެވެ.

މާލޭގެ މޭޔަރުކަމުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، ހުންނެވިއިރު ވަނީ ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކުރަން މަސައްކަތް ކުރައްވައިފައެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އެ މަނިކުފާނު ވަނީ އެކަން އެގޮތަށް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.