މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މި އަހަރު ހައްޖަށް ފޮނުވާ 10 މުވައްޒަފުން ހޮވައިފިއެވެ.

އެމްއޭސީއެލްގެ ހައްޖު ސްޕޮންސާޝިޕަކީ އެ ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު އެ ކުންފުނީގެ ފަރާތުން ދޭ ސްޕޮންސަޝިޕްއެކެވެ.

އެކަމަށްޓަކައި މިއަދު ހުޅުލެ އައިލެންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، ހައްޖަށް ފޮނުވުމަށް ހޮވުނު މުވައްޒަފުންނަށް ލިޔުން ހަވާލު ކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.

އެމްއޭސީއެލުން މިއަދު ބުނީ ހައްޖުގެ ދަތުރަށް ޖާގައިގެ ފުރުސަތު ދިނުމުގައި އެމްއޭސީއެލުން ބަލާފައިވަނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، އެ ކުންފުނީގެ އުސޫލުތަކާ އެއްގޮތަށް އެކަށައަޅާފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، މުވައްޒަފުންނަށް ހައްޖުގެ ފުރުސަތު ހޯދައިދިނުމަށް އިސްލާމިކް މިނިސްޓްރީ އާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ އެކު ކުރި މަސައްކަތްތަކުން އެ ފުރުސަތު މުވައްޒަފުންނަށް ފަހިވެގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"ކުންފުނިން މިކަމަށް ދޭ އިސްކަން ވަރަށް ބޮޑު ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބެމުން އަންނަ ފުރުސަތުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ،" ޝަރީފު ވިދާޅުވިއެވެ.

މިދިޔަ އަހަރު އެމްއޭސީއެލުން ވަނީ ފަސް މުވައްޒަފަކު ހައްޖަށް ފޮނުވައިފައެވެ.

  • އަބުދުލް ލަތީފް އަލީ - އެމްޕްލޯއީ ފެސިލިޓޭޝަން އެންޑް ޓްރާންސްޕޯޓް
  • އަހުމަދު ޖަލީލް - އެމްޕްލޯއީ ފެސިލިޓޭޝަން އެންޑް ޓްރާންސްޕޯޓް
  • މުހައްމަދު ރަޝީދު އަބްދު ﷲ - ވޯޓާ އެންޑް ސްވަރޭޖް ސާވިސަސް
  • އަހުމަދު އާދިލް - މެކޭނިކަލް ސާވިސަސް
  • އަލީ ރިޔާޒް އިސްމާއީލް - އޭރޮނޮޓިކަލް އިންފޮމޭޝަން ސާވިސަސް
  • އިބްރާހިމް ސިރާޖު - ޓާމިނަލް ފެސިލިޓީ މެނޭޖްމަންޓް
  • އިބްރާހިމް ހާލިދު - އެއާ ޓްރެފިކް ސާވިސަސް
  • އަހުމަދު އިބްރާހިމް - ފިއުލް ސާވިސަސް
  • ހައްވާ ޝަޒްދާ - ބެގޭޖް ސާވިސަސް
  • ޖީޒާ މުހައްމަދު – ޓެލެންޓް އެކުއިޒިޝަން އެންޑް ޓޯޓަލް ރިވާޑްސް

އެމްއޭސީއޭލުން ދަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ތަފާތު ފުރުސަތުތައް ފަހިކޮށް ގިނަ ދުވަހު މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 2017 ވަނަ އަހަރުން ފެށިގެން އެމްއޭސީއެލްއިން މުވައްޒަފުންނަށް ހައްޖުގެ 10 ފުރުސަތު ހޯދައިދެމުން ގޮސްފައިވެއެވެ. އަދި ކޮވިޑު 19 އަށް ފަހު މިދިޔަ އަހަރުން ފެށިގެން މުވައްޒަފުންނަށް އެ ފުރުސަތު އަލުންދަނީ ފޯރުކޮށްދެމުންނެވެ.