މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ ޒުވާނަކު މަރައިލި މައްސަލައިގައި ދައުވާ ކުރި، އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމުން، އޭނާ ބަންދުން ދޫވެފައި ވަނިކޮށް އަލުން އޭނާ ބަންދު ކުރަން ސުޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފިއެވެ.

މި މައްސަލައަކީ ސެޕްޓެމްބަރު، 2017 ގައި ސައިކަލެއްގައި ދަނިކޮށް ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަނިކު މަރާލި މައްސަލައިގައި ސައްމާހުގެ މައްޗަށް ކުރި ދައުވާގެ މައްސަލައެކެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ މަހު ކުރި ހުކުމްގައި ވަނީ މޫސައަށް ހަމަލާ ދިނީ ސައްމާހު ކަމަށް ކޯޓުގައި ހެކިބަސް ދިނީ އެންމެ މީހެއް ކަމަށެވެ. އޭނާވެސް އެ ހެކިބަސްދިނީ ދައުލަތުން ބިރު ދެއްކުމުން ކަމަށް ބުނެ، ފަހުން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ހުކުމްގައިވެއެވެ.

އެހެންކަމުން އެ ހެކިވެރިޔާގެ ހެކިބަހަށް އެކަނި ބެލުމުން އެއީ އިތުބާރު ހިފޭ ހެކިބަހެއް ކަމަށް ބެލެވެން ނެތް ކަމަށް ވެސް ހުކުމުގައިވެއެވެ.

ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖްތަކުން، ސައްމާހު އޭނާއަށް ހަމަލާދޭ މަންޒަރު ފެންނަ ކަމަށް ދައުލަތުން ބުނި ނަމަވެސް، އެކަމަށް ބާރު ދޭ އެހެން ހެކިތަކެއް ނެތް ކަމަށްވެސް ހުކުމްގައިވެއެވެ. އެ ސަރަހައްދުގައި އެވަގުތު ސައްމާހު ނުހުންނާނެ ކަމަށް އޭނާގެ ދިފާއީ ހެކިން ބުނާތީ އެ ވީޑިއޯއިން ފެންނަނީ އޭނާ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ހުކުމުގައިވެއެވެ.

މީގެއިތުރުން އެ މައްސަލައިގައި ނެގި އެއްވެސް ފޮރެންސިކް އެވިޑެންސަކުން ވެސް އެ ހާދިސާއާ ސަައްމާހުއާ ގުޅުވައިލެވޭނެ ހެއްކެއް ނެތް ކަމަށް ވެސް ހުކުމުގައިވެއެވެ.

އެހެންކަމުން، މި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހްސާން ކުރެއްވި ހުކުމުގައި ވަނީ ސައްމާހުގެ މައްޗަށް، ދައުލަތުން ކުރި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތު ނުވާ ކަމަށެވެ.

އޭރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަނަދު ކޮށްފައެވެ. ނަމަވެސް ކުރިމިނަލް ކޯޓުގެ ހުކުމާ ގުޅިގެން އޭނާ މިނިވަންވެ ދޫވިއެވެ.

އެ މައްސަލައިގައިި ކުރިމިނަލް ކޯޓުން ކުރި ހުކުމާ މެދު ހިތްހަމަ ނުޖެހިގެން، އެއީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ދެކޭ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެ މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

އެ މައްސަލައިގެ އިސްތިއުނާފާ އެކު ސައްމާހު ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކުރި ހާލަތަށް ބަދަލެއް ނާންނަ ކަމަށާއި ސައްމާހު އަކީ ބަންދުގައި ހުންނަން ޖެހޭ މީހެއް ކަމަށް ބުނެ އެ އިސްތިއުނާފީ މައްސަލަ ބަލައި ގޮތެއް ނިމެންދެން ސައްމާހު ބަންދުކޮށްދިމުގެ އަމުރެއް ނެރެދުނުމަށްވެސް ޕީޖީގެ ފަރާތުން ކޯޓުގައި އެދުނެވެ.

ނަމަވެސް ބަންދުކުރުގެ އަމުރުގެ މައްސަލައިގައި ހައިކޯޓުން ނިންމާފައި ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ.

ހައިކޯޓުގެ އެ ނިންމުމަކީ ގާނޫނީ އުސޫލުތަކާ ހިލާފް ނިންމުމެއް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެ އަމުރުގެ މައްސަލަަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، ޝަރީއަތް ނިމެންދެން ސައްމާހު ބަންދު ކުރަންޖެހޭ ހާލަތެއް ނެތް ކަމަށް ކައިކޯޓުން ނިންމާފައި ވަނީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ކަންކަމަށް ރިއާޔަތްކޮށްގެން ކަމުގައި ނުވާތީ ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން އެ ނިންމުން ބާތިލް ކަމަށް ނިންމާ ކަމަށެވެ. އަދި މި ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ސައްމާހުއަކީ، އޭނާގެ މައްޗަށް ހައިކޯޓުގައި ހިންގަމުންގެންދާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ހައިކޯޓުން ކަނޑައަޅަންދެން، ސައްމާހު ރިމާންޑް ޖަލެއްގައި ބަންދުކުރަން އަމުރު ކުރާ ކަމަށްވެސް ހުކުމްގައިވެއެވެ.