ޔޫއެފާގެ ތިންވަނަ ކެޓަގަރީ މުބާރާތް ކަމަށްވާ، ޔޫރޮޕާ ކޮންފަަރެންސް ލީގުގެ ފައިނަލަށް އަނެއްކާވެސް އިޓަލީގެ ފިއޮރެންޓީނާ ދަތުރު ކޮށްފިއެވެ.

ފިއޮރެންޓީނާއިން މިފަހަރުގެ ކޮންފަރެންސް ލީގުގެ ފައިނަލަށް ދަތުރު ކުރީ ކްލަބު ބްރޫޖް 4-3 ގެ އެގްރިގޭޓް ނަތީޖާ އަކުން ބަލިކޮށްގެންނެވެ. ފިއޮރެންޓީނާއިން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު، 3-2 އިން ކާމިޔާބު ކޮށްފައިވާ އިރު، ރޭ ބްރޫޖްގެ ދަނޑުގައި އެއްވަރުކުރީ 1-1 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗު ރަނގަޅަށް ފެށީ ބްރޫޖުންނެވެ. އެޓީމުގެ އަރިމަތިން ކުޅެމުންދިޔަ ޑިފެންޑަރު މަކްސިމް ޑި ކުއިޕާ ކުރިއަށް ޖެހި، ސެންޓަ ފޯވަޑްގެ އޭރިއާއަށް ވަދެ ހޯދި ބޯޅަ ރަނގަޅަށް ނިންމާލައިގެން އެގްރިގޭޓް ނަތީޖާ އެއްވަރު ކުރިއެވެ.

އެ ގޯލާއެކު ބްރޫޖުން ލީޑު ނެގި ނަމަވެސް، ތަފާތު ރަނގަޅަށް ފެނުނީ ފިއޮރެންޓީނާއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިންވެސް ފިއޮރެންޓީނާއިން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އޭގެ ތެރެއިން ކްރިސްޓިއަން ކޮއާމޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ދެވަނަ ހާފުގައިވެސް ފެނުނީ ހަމަ އެ މަންޒަރެވެ.

ފިއޮރެންޓީނާއިން ތަފާތު ދައްކަމުން ދިޔަ އިރު، އިތުރު ދެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއެވެ. އެއީ ކެޕްޓަން ކްރިސްޓިއާނޯ ބިރާގީ ޖެހި ހިލޭ ޖެހުމުގެ އިތުރުން ކޮއާމޭ ބޮލުން ޖެހި ބޯޅައެކެވެ. ފިއޮރެންޓީނާއިން ގޯލަކަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ 85 ވަނަ މިނެޓުގައެވެ. އެ ގޯލަކީ އޭރިއާ ތެރެއިން އެމް ބާލާ ޒޯލާ، ފިއޮރެންޓީނާގެ ބްރެންޑަން މެކެލޭއަށް ކުރި ފައުލުން ލިބުނު ޕެނަލްޓީގައި ލޫކަސް ބެލްޓްރަން ޖެހި ގޯލެކެވެ.

ރޭގެ މެޗު ނިމިގެން ދިޔައީ ބެންޗުގައި އިން ބްރޫޖްގެ ޑެނިސް އޮޑީއަށް ރެފްރީ ދެއްކި ރަތް ކާޑަކާވެސް އެކުގައެވެ.