ޗައިނާގެ ހޮސްޕިޓަލެއްގައި ވަޅިން ހަމަލާދީ ދެ މީހަކު މަރާލައިފިއެވެ.

ޗައިނާގެ ހުޅަނގު ދެކުނުގައި އޮންނަ ޔުނާން ޕްރޮވިންސްގެ ޒެންޝިއޮން ޕީޕަލްސް ހޮސްޕިޓަލުގައި އަންގާރަ ދުވަހު ދިން އެހަމަލާގައި ދެމީހަކު މަރުވެފައިވާ އިރު، 21 މީހުންނަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ޗައިނާގެ ނޫސްތަކުން އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން އެ މީހާ ވަޅިން ހަމަލާ ދީފައިވަނީ ވެލްޑިންކޮށް މޮޑިފައިކޮށްފައި އޮތް ދެ ވަޅި ބޭނުންކޮށްގެންނެވެ.

ފުލުހުން ވަނީ ހަމަލާ ދީފައިވަނީ ޕޯޖީ ޓައުން އަށް ނިސްބަތްވާ މީހެއް ކަމަށް ބުނެފައެވެ. އަދި އެމީހާ ހައްޔަރުކުރިކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ހަމަލާ ދިން ހޮސްޕިޓަލު ސަރަހައްދު ބަންދުކޮށް ފުލުހުން ވަނީ ބޮޑު ތަހުގީގެއް ފަށައިފައެވެ.