ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލުގެ މައްޗަށް "ދިޔަވަރު" ނަމަކަށް ކިޔާ ވެބްސައިޓަކުން ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

ދިޔަވަރު އިން އިއްޔެ ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުން، ވެމްކޯ އިން ގާބޭޖް ޓްރަކް (ކޮމްޕެކްޓާ ވެހިކަލް) ގަތުމަށް ދުބާއީގައި, ވެމްކޯގެ އެމްޑީ މުޖުތަބާގެ އާއިލީ ފަރާތެއްގެ ނަމުގައި އުފައްދާފައިވާ ކުންފުންޏެއް މެދުވެރިކޮށް ބޮޑު ކޮރަޕްޝަނެއް ހިންގާފައިވާ ކަމަށެވެ.

އެ ވާހަކަތައް ދޮގުކޮށް ވެމްކޯ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ލިޔުން ލިބުނުއިރު އެ ކުންފުނިން އެއްވެސް މައުލޫމާތެއް ހޯދުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އަދި އެފަދަ ހަބަރުތަކަކީ އެ ކުންފުނީގެ މަތީ މެނޭޖްމެންޓް ބޭފުޅުންގެ އަބުރާއި އިއްޒަތް ނަގާލުމަށާއި ކުންފުނީގެ މާލީ އަމާނަތްތެރިކަމާއި ނަޒާހަތްތެރިކަމާއި ގުޅޭ ގޮތުން އާންމުންގެ ހިތްތަކުގައި ސުވާލު އުފައްދައި ނުރަނގަޅު ތަސައްވަރެއް އުފެދުމުގެ ބޭނުމުގައި ލިޔެފައިވާ ލިޔުންތަކެއް ކަމަށް ބުނެފައިވެއެވެ.

ވެމްކޯ އިން ބުނީ، ކުންފުނީގެ ހުރިހާ މާލީ ނިންމުންތަކަކީ އެކަމަށް ހާއްސަ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނޭ ގޮތަށް ފުރިހަމަ ނިޒާމެއްގެ ތެރެއިން ދެފުށް ފެންނަ ގޮތަށް ނިންމަމުން އަންނަ ނިންމުންތަކެއް ކަމަށާއި ކުންފުނީގެ މާލީ ކަންކަން ނިންމާނީ ކުންފުނީގެ ބޯޑާއި ބިޑް ކޮމިޓީގެ ނިންމުންތަކަށް ބިނާކޮށް އެ ފަރާތުން ކަމަށެވެ.

އަދި ވެމްކޯ އިން އަބަދުވެސް ޒިންމާދާރު ނޫސްވެރިކަމަށް ހިތްވަރުދޭނެ ކަމަށާއި ކުންފުންޏާ ގުޅޭ މައުލޫމާތުތައް ބޭނުންވާ މީހުންނަށް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން މައުލޫމާތު ހިއްސާ ކުރަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ.