އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެންބަރުން އައްޔަން ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ނަގަން ގާނޫނު ބަދަލުކުރަން ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފިއެވެ.
އެމްޑީޕީގެ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ފޮނުއްވި މި ބިލުގެ ފުރަތަމަ ކިއުން މަޖިލީހަށް އިއްވާފައި ވަނީ، 18 މާޗް 2024 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އެ ބިލް ހުށަހެޅުއްވި މެންބަރު އިއްޔެގެ ވަގުތެއްގައި ބިލް އަނބުރާ ގެންދަވާފައިވާ ކަމަށެވެ.
އެ ބިލުން ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) އަށް އިސްލާހު ގެންނަން ވަނީ ހިމަނައިފައެވެ.
އީސީގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ) ގައި މިހާރު ބުނަނީ އީސީގެ މެންބަރުން އައްޔަން ކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. (ށ)ގައި ބުނަނީ ކޮމިޝަން މެންބަރުން އައްޔަން ކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެ ފަހަރަށް އައްޔަން ކުރަންޖެހޭ މެންބަރުންގެ އަދަދަށްވުރެ މަދު ނޫން އަދަދަކަށް މީހުންގެ ނަން ރައީސް މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. (ނ) ގައި ބުނަނީ އެގޮތަށް ރައީސް މަޖިލީހަށް ހުށަހަޅުއްވާ ނަންތަކަކީ އާއްމުކޮށް އިއުލާންކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަންތަކެއް ކަމަށް ވާންޖެހޭނެ ކަމަށާއި އެއާއެކު އެކަމަށް އިޖާބަދިން އެހެން މީހުންގެ ނަންތައް މަޖިލީހުގެ މައުލޫމާތައްޓަކައި ފޮނުވަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެގޮތަށް ރައީސް މަޖިލީހަށް ފޮނުވާ ނަންތަކުގެ ތެރެއިން، މަޖިލިސް ޖަލްސާއެއްގައި ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ މީހުން، އީސީގެ މެންބަރުކަމުގެ މަގާން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެ ކަމަށް އެ މާއްދާގެ (ރ) ގައި ވަނީ ބުނެފައެވެ.
މި މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ތެރެއިން ހަތަރުވަނަ މާއްދާގެ (ހ) ގައި ބުނަނީ އީސީގެ މެންބަރުން އައްޔަން ކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށެވެ. (ށ)ގައި ބުނަނީ ކޮމިޝަނަށް މެންބަރުން ނުވަތަ މެންބަރެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެކަން އާއްމުކޮށް އިއުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ،
(ނ) ބުނަނީ އެގޮތަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ފަރާތެއް ނުވަތަ ފަރާތްތަކެއް އީސީގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެ ކަމަށެވެ. އަދި (ރ) އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، އީސީގެ މެންބަރު ކަމަށް މަޖިލީހުން ފާސްކުރާ ނަންތަކަކީ އާއްމުކޮށް އިއުލާންކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން، މިގާނޫނުގެ ފަސްވަނަ މާއްދާގައި ބަޔާންކުރާ ޝަރުތު ފުރިހަމަވާ މީހުންކަމުގައި ވާންވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު