ފެނަކަ ކޯޕްރޭޝަން ލިމިޓެޑް އިން އައްޑޫ ސިޓީގައި ފެން އުފައްދާ މިންވަރަށް ވުރެ އިތުރަށް އެ ސިޓީގެ ރަށްތަކުގައި ފެން ބޭނުންކުރާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ފެނަކައިން މިއަދު ނެރުނު ބަޔާނުގައި ބުނީ، އައްޑޫ ސިޓީގެ އާބާދީ ބޮޑުވުމާ އެކު، މިހާރު އައްޑޫ ސިޓީގައި އިންސްޓޯލުކޮށްފައި ހުރި ފެން ޕްލާންޓުން އުފެއްދޭ ފެނަށްވުރެ ބޭނުން ކުރާ ފެނުގެ ނިސްބަތް އިތުރުވެފައިވާ ކަމަށެވެ.
އެކަން ހައްލުކުރުމަށް، ކޮންސްޓަކްޝަން މިނިސްޓްރީން ނިމިދިޔަ އޭޕްރިލް 13ގައި ވަނީ، އައްޑޫގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރަން 282 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް އެއް އަހަރު ދުވަހަށް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައެވެ.
އެ ޕްރޮޖެކްޓު ނިމިގެންދާ އިރު، އައްޑޫ ސިޓީއަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މިހާރުވެސް ރައްޔިތުންނަށް ބޭނުންވާ ފެނުގެ ހިދުމަތް މެދުނުކެނޑި ކުރިޔަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހާ ކަންކަން އެ ކުންފުނިން ކުރަމުންގެންދާ ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން އެންމެ ބޮޑު އިސްކަމެއް ދެނީ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި، އިތުބާރާއި ޔަގީންކަމާއެކު ފޯރުކޮށްދެވޭކަން ކަށަވަރުކޮށް ދިނުން ކަމަށެވެ. އަދި އެ ހިދުމަތް ދިނުމުގެ ރޮނގުން ފެނަކަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް، އެ ކުންފުންޏާ މެދު ރައްޔިތުންނަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ފެނަކައިގެ ބަޔާނުގައިވެއެވެ.
މިހާރު އައްޑޫ ސިޓީއަށް ދިމާވެފައިވާ ފެނުގެ ދަތިކަން ދިމާވާން މެދުވެރުވި ސަބަބަކީ، ފާއިތުވި ފަސް އަހަރު ތެރޭ އެކަށީގެންވާ މިންވަރަށް ފެނުގެ ނިޒާމު މަރާމާތުކޮށްފައި ނެތުމުން ކަމަށް ފެނަކައިން ބުންޏެވެ.
އައްޑޫގެ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން، ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ބޯހޯލް ތޮރުފުމާއި ދުވާލަކު 1،500 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 2،000 ޓަނުގެ ތިން ތާންގީ އާއި 1،000 ޓަނުގެ ތިން ތާންގީއާ އެކު ޖުމްލަ ހަ ތާންގީ ބަހައްޓާނެއެވެ. އަދި ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި އަދި 100 ކިލޯ ވޯޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމް ކުރާނެއެވެ.
ހުޅުމީދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ބޯހޯލް ތޮރުފުމާއި ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާ ކުރުމަށްޓަކައި 1،000 ޓަނުގެ ތިން ތާންގީ ބެހެއްޓުމާއި ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި 75 ކިލޯ ވޯޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމްކުރާނެއެވެ.
މީގެ އިތުރުން ހިތަދޫ އާއި ހުޅުމީދުއަށް ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި މަރަދޫ، މަރަދޫ-ފޭދޫ އަދި ފޭދޫގައި ފެން ރައްކާކުރުމަށްޓަކައި 1،000 ޓަނުގެ ޖުމްލަ ހަތަރު ތާންގީ ބެހެއްޓުމުގެ އިތުރުން ފެނުގެ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމް ހިންގައިދިނުމާއި ސްޕެއާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު