އިނގިރޭސި ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަކުރަމުންދާ އާސެނަލުން މިއަދު ކުޅުނު މެޗުގައި ފަސޭހަކަމާއެކު ބޯންމައުތު ބަލިކޮށްފިއެވެ.
އެމިރޭޓްސް ދަނޑުގައި މިއަދު ކުޅުނު މެޗުގައި އާސެނަލުން ބޯންމައުތު ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ ނަތީޖާއާއެކު އާސެނަލަށް ވަނީ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. އެއީ 36 މެޗުން 83 ޕޮއިންޓާއެކުގައެވެ. އާސެނަލް އެއްވަނައިގައި ބޮޑު ލީޑެއްގައި އޮތް ނަމަވެސް، ލީގު ހޯދުމަށް އަދިވެސް އަމިއްލަ ބާރު އޮތީ ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަތުގައެވެ.
ސިޓީ މިހާތަނަށް 34 މެޗު ކުޅެގެން 79 ޕޮއިންޓް ހޯދާފައިވާ އިރު، އާސެނަލާ މެޗުގެ އަދަދު އެއްވަރުކޮށް އެއްވަނައަށް އެރުމަށް ފުރުސަތު އެބައޮތެވެ. ލީގުގައި އާސެނަލަށް ބާކީ ދެން ދެ މެޗު އޮތް އިރު، މިރޭ ކުޅެން އޮތް މެޗާ ލައިގެން ސިޓީއަށް ބާކީ ހަތަރު މެޗު އަދި އެބައޮތެވެ.
މުޅި މެޗުގައިވެސް އާސެނަލުން މޮޅަށް ކުޅެ، މެޗު ޑޮމިނޭޓް ކޮށްފައިވާ އިރު، ފުރަތަމަ ހާފު ނިމުމުގެ ކުޑަ އިރުކޮޅެއް ކުރިން އާސެނަލުން ލީޑު ނެގީ ޕެނަލްޓީއެއްގައެވެ. އެޓީމަށް ޕެނަލްޓީ ލިބުނީ ކައި ހަވާޓްސް އޭރިއާ ތެރެއަށް ވަނުމުން ބޯންމައުތުގެ ގޯލްކީޕަރު މާކް ޓްރަވާސް ކުރި ފައުލަކަށެވެ. އާސެނަލަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ބުކަޔޯ ސަކާއެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ބޯންމައުތުން ކޮންމެވެސް ވަރަކަށް ނުރައްކާ ކުރި ނަމަވެސް، 70 ވަނަ މިނެޓުގައި އާސެނަލް ލީޑު ފުޅާކުރިއެވެ. ޑެކްލަން ރައިސް އޭރިއާ ތެރެއަށް ވަދެ، ޖައްސާލި ރީތި ޕާހަކުން އާސެނަލަށް ލީޑު ފުޅާކޮށްދިނީ ލެއާންޑްރޯ ޓްރޮސާޑެވެ. އެ ގޯލާއެކު ހަމަޖެހިލި އާސެނަލުން މެޗު ނިމެންދަނިކޮށް ތިންވަނަ ގޯލެއް ޖަހައި ތިން ޕޮއިންޓް ޔަގީންވެސް ކުރިއެވެ.
އެ ގޯލު ޖަހައިދިނީ ކައުންޓާ ފުރުސަތެއްގައި ކުރިއަށް ޖެހި، ރައިސްއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު