އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާއަށް ޕްރިމިއާ ލީގުގެ މި ސީޒަނުގެ ރަން އަންގި ޔަގީންވެއްޖެއެވެ.
ރާޔާ މިހާތަނަށް ލީގުގައި 29 މެޗުގައި 14 ކްލީންޝީޓް ދަމަހައްޓާފައިވާ އިރު، ރޭގެ ކުރިން އެ އަދަދަށް ކްލީޝީޓް ދެމެހެއްޓުމުގެ ފުރުސަތު އޮތް ހަމައެކަނި ކީޕަރަކީ އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑެވެ. ޕިކްފޯޑް ރޭ އެވަޓަން އާއެކު ލުޓޮންއާ ދެކޮޅަށް ނުކުތް އިރު، އެ މެޗުން ކްލީޝީޓް ދެމެހެއްޓިނަމަ، ޕްރިމިއާ ލީގުގެ ރަން އަންގިއަށް ރާޔާއާ ވާދަކުރެވެން އޮތެވެ.
އެހެން ނަމަވެސް، ރޭ އެވަޓަން އިން މެޗު ނިންމާލީ 1-1 އިން އެއްވަރު ވެގެންނެވެ. އެ މެޗުގައި ޕިކްފޯޑް ކައިރިން ގޯލު ވަނުމާއެކު ރާޔާއަށް ވަނީ ރަން އަންގި ޔަގީންވެފައެވެ. އެވަޓަން އަށް ލީގުގައި ބާކީ ދެ މެޗު އޮތްއިރު، އެ ދެ މެޗުން ކްލީންޝީޓް ހޯދައިގެން ޕިކްފޯޑަށް ރާޔާއާ އެއްވަރު ކުރެވޭނެއެވެ.
އެއީ އާސެނަލަށް ބާކީ އޮތް މެޗުތަކުން އެއްވެސް ކްލީންޝީޓެއް ނުހޯދިއްޖެ ނަމައެވެ. އެ ހާލަތަށް ގޮސް އެއްވަރުވެއްޖެ ނަމަ، ދެ ކީޕަރުންނަށްވެސް ރަން އަންގި ލިބޭނެއެވެ.
މިދިޔަ އޮގަސްޓް މަހު، ރާޔާ ބްރެންޓްފޯޑުން ލޯނެއްގައި އާސެނަލަށް ގެންދިއުމުން އެކަމަށް ގިނަ ބަޔަކު ވަނީ ކޯޗު މިކޭލް އާޓެޓާއަށްވެސް ފާޑު ކިޔައިފައެވެ. އެއީ އޭރު އާސެނަލްގެ އެއް ނަމްބަރު ގޯލްކީޕަރަކަށް އާރޮން ރަމަސްޑޭލް ހުރުމާއެކުގައެވެ.
ރާޔާގެ ސީޒަން ފެށީ އެންމެ ރަނގަޅު ފޯމެއްގައި ނޫން ނަމަވެސް، އޭނާ ފަހުން ވަނީ ފޯމު ރަނގަޅުކޮށްފައެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގައި ރާޔާ ވަނީ މޮޅެއް ކުޅެފައެވެ. ޕޯޓޯއާ ދެކޮޅަށް އާސެނަލުން ކުޅުނު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުގައިވެސް ދެ ޕެނަލްޓީ މަތަކޮށް ރާޔާ ތަފާތު ދެއްކިއެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް