ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑަށް ވަފާތެރި މާކޯ ރޮއިސް، މި ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލާނެކަން ރަސްމީކޮށް އިއުލާނު ކޮށްފިއެވެ.

އުމުރުން 34 އަހަރުގެ ރޮއިސްއަކީ 1996 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ޑޯޓްމަންޑްގައި އޭނާގެ ޔޫތު ކެރިއަރުވެސް ހޭދަކޮށްފައެވެ. އޭގެފަހުން ސީނިއާ ކެރިއަރު ފެށުމަށް ރޮއިސް، ބްރޫޝިއާ މޮންޗެންގްލެޑްބެޗަށް ދިޔުމަށްފަހު، އަލުން ޑޯޓުމަންޑަށް ބަދަލުވީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން އެ ކްލަބަށް ރޮއިސް ވަނީ 424 މެޗު ކުޅެ، 168 ގޯލު ޖަހައިދީފައެވެ.

ރޮއިސް ޑޯޓްމަންޑް ދޫކޮށް ދާނީ ހިލޭ ޓްރާންސްފާއެއްގައެވެ. އެއީ މި ސީޒަނަށްފަހު އޭނާގެ އެއްބަސްވުން ހަމަވާން އޮތުމާއެކުގައެވެ. ޖުލައި މަހު ރޮއިސްގެ އެއްބަސްވުން ހަމަވާން އޮތް އިރު، ޑޯޓްމަންޑަށްފަހު ރޮއިސް ދާނެ ކްލަބެއް އަދި ނިންމާފައެއް ނުވެއެވެ.

ޑޯޓްމަންޑް ދޫކޮށްލާނެކަން އިއުލާނުކުރަމުން ރޮއިސް ބުނީ، ހަޔާތުގެ ބޮޑު ބައެއް ހޭދަކުރީ ޑޯޓްމަންޑްގައި ކަމަށާއި، އެ ކްލަބުގައި ހޭދަކުރި ދުވަސްތައް ދުވަހަކުވެސް ހަނދާން ނައްތާނުލެވޭނެ ކަމަށެވެ. އަދި ހާއްސަކޮށް ޑޯޓްމަންޑާ އަލްވަދާއު ކިޔުމަކީ ނިންމާ އެންމެ އުނދަގޫ ނިންމުން ކަމަށްވެސް ރޮއިސް ބުންޏެވެ.

ރޮއިސް ވަނީ ޑޯޓްމަންޑާއެކު ދެ ފަހަރަށް ޖަރުމަން ކަޕް ކާމިޔާބުކޮށް، 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގައިވެސް ކުޅެފައެވެ. ރޮއިސްއަކީ މިވަގުތު ޑޯޓްމަންޑްގެ ކެޕްޓަނެވެ.