ސިހުރު ހެދިކަމުގެ ތުހުމަތުގައި ށ. ފުނަދޫން ހައްޔަރުކުރި މީހާއާ ދެކޮޅަށް އެ ރަށު މީހުން މުޒާހަރާކޮށް ހަމަނުޖެހުން ހިންގައިފިއެވެ.
ފުލުހުން މިއަދު ބުނީ ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާގެ ބަންދަށް ފުނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ސިހުރު ހެދި ކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުލުހުން އޭނާ ކޯޓަށް ހާޒިރުކުރުމުން، އެ ރަށު މީހުން ވަނީ އެ މީހާ ދެކޮޅަށް ކޯޓު ކައިރިއަށް އެއްވެ މުޒާހަރާ ކޮށްފައެވެ. އަދި ވަނީ ފުނަދޫ ޕޮލިސް ސްޓޭޝަން ކައިރީގައި ވެސް ހަމަނުޖެހުން ހިންގައިފައެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ކޯޓު ކައިރީގައި ތިބި އާންމުންނާއި ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގައިފައެވެ. އެ ހަމަނުޖެހުން ކޮންޓްރޯލްކޮށް، އާންމުން ކޯޓު ކައިރިން ދުރަށް ފޮނުވާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައިފައެވެ. ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައިވަނީ އާންމުންގެ ތެރެއިން ބަޔަކު ކޯޓު ތެރެއަށް ވަންނަން މަސައްކަތް ކުރުމުންނެވެ. އެއިރު ސިހުރު ހެދި ކަމަށް ތުހުމަތުކުރެވޭ މީހާ ހުރީ ކޯޓު ތެރޭގައެވެ.
ފުނަދޫން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ މީހާ ސިހުރު ހަދަން މަސައްކަތް ކޮށްފައިވަނީ މިފަހަރުގެ މަޖިލިސް އިންތިހާބުގައި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ) އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު