ނިމިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް ނާކާމިޔާބުވި ސަބަބު ދެނެގަތުމަށް ދިރާސާއެއް ކުރަން ނިންމައިފިއެވެ.

އެ ދެ އިންތިހާބުގެ ނާކާމިޔާބީ އަށްފަހު އެމްޑީޕީން ރޭ ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ އިންތިހާބުތަކުން ބަލިވި ސަބަބު ދެނެގަތުމަށް ދިރާސާއެއް ކުރުމަށާއި ރައްޔިތުން އެމްޑީޕީގެ ކުރިމަގަށް ދެކޭ ގޮތް ހޯދުމަށްފަހު މަގުޗާޓެއް ތައްޔާރުކުރުމަށް ނިންމައިފައެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އިންތިހާބުތަކުން ބަލިވީ ކެމްޕޭން ކުރި ގޮތުގެ ސަބަބުންތޯ ނުވަތަ ލީޑާޝިޕުގެ މައްސަލައަކުންތޯ އެނގިގެންދާނީ ދިރާސާއަށްފަހު ކަމަށެވެ. އެ ސަބަބު ހޯދުމަކީ އާންމު މެންބަރުންނެކޭ އެއް ފަދައިން ލީޑާޝިޕުން ވެސް ބޭނުންވާ މައުލޫމާތެއް ކަމަށްވެސް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވި އިރު، 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައިވެސް އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ މަދު ގޮނޑިތަކެއް ކަމަށެވެ. އަދި އެ ދެ އިންތިހާބުން ލިބުނު ނާކާމިޔާބީ ދިރާސާކޮށް، ފާހަގަވި ކަންކަން ރަނގަޅުކޮށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު އެމްޑީޕީން ކާމިޔާބުކުރި ކަމަށް ވިދާޅުވިއެވެ.

"މިރޭ އަޅުގަނޑުމެން މި ނިންމީ، ގައުމީ މަޖިލީހުން މި ނިންމީ ހަމަ އެފަދަ ދިރާސާއެއް ކުރަން. އިރާދަކުރެއްވިއްޔާ އެ ދިރާސާގެ އަލީގައި އަޅުގަނޑުމެން ދެން އަންނަ ރިޔާސީ އިންތިހާބުވެސް އެމްޑީޕީ ކާމިޔާބުކުރާނެ. އަދި އޭގެ ފަހުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުވެސް ކާމިޔާބުކުރާނެ. އެމްޑީޕީން ކަންކުރަނީ ދުރާލާ ރާވައިގެން ތަރުތީބުން ގޯސްކޮށް ދިޔައީ ކޮން ކަންތައްތަކެއްތޯ ބަލައިގެން،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ތަރުތީބުން ޕާޓީގެ ކަންކަން ކުރިއަށްގެންދާނެ ކަމަށާއި އެމްޑީޕީއާއި ރާއްޖޭގެ ކުރިމަގުވެސް އުޖާލާ ކަމަށެވެ. އަދި އެމްޑީޕީއަކީ ކާމިޔާބީއަށް އަދި ނާކާމިޔާބީއަށްވެސް ފަރިތަ ޕާޓީއެއް ކަމަށްވެސް ވިދާޅުވިއެވެ.