މިހާރު ފެތުރެމުންދާ ޗިކުންގުންޔާ އަދިވެސް ކޮންޓްރޯލް ކުރެވިފައިނުވާ ކަމަށާއި މިހާތަނަށް 134 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން އެންމެ ގިނައިން ޗިކުންގުންޔާގެ ކޭސްތައް ފެނިފައިވަނީ މާލެ އޭރިއާއިންނެވެ. ޗިކުންގުންޔާގެ 130 ކޭސްއެއް ވަނީ މާލެ އޭރިއާއިން ފެނިފައެވެ. ބާކީ ހަތަރު ކޭސް ފެނިފައިވަނީ ހއ. އަތޮޅު، ބ. އަތޮޅު އަދި ށ. އަތޮޅުންނެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް މާލެ ސަރަހައްދުން 119 ކޭސް ފެނިފައިވެއެވެ.

މާލެއިން ވަނީ ޗިކުންގުންޔާގެ 96 ކޭސް ފެނިފައެވެ. ހުޅުމާލެއިން ވަނީ އެ ބަލީގެ 34 ކޭސްއެއް ފެނިފައެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭ ޗިކުންގުންޔާ ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ޗިކުންގުންޔާ އެންމެ ގިނައިން ޖެހިފައިނީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށެވެ. މިހާތަނަށް ޗިކުންގުންޔާއަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 115 މީހުންނަކީ އުމުރުން 25 އަހަރުވެފައިވާ ފަރާތްތައް ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުން ދައްކައެވެ. ބާކީ 19 ކޭހަކީ އުމުރުން 25 އަހަރަށްވުރެ ދަށް ފަރާތްތަކެވެ.

ޗިކުންގުންޔާއަކީ ޑެންގޫ ހުން ފަތުރާ އީޑީސް މަދިރިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުހުޅުގައި ރިއްސައި ބައެއް ފަހަރު ހުޅު ދުޅަވެ އެކަމުގެ އުނދަގޫ ބަލި ރަނގަޅުވި ނަމަވެސް ގިނަ ދުވަސްތަކަކަށް ދެމިގެންދެއެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ.