ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެކަން ކުރުމަށް ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯ އާއި ފިންގަޕްރިންޓް ނެގުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ "އަހާ" ފޯރަމްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވަރަށް ގިނަ ކަމަށާއި ތިބި ބިދޭސީންގެ ޖުމްލަ އަދަދު އަދިވެސް ކަށަވަރު ނުކުރެވޭ ކަމަށެވެ. އެހެންކަމުން އެކަން ހައްލު ކުރުމަށް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައި ވޯކް ޕާމިޓް ރެކޯޑުތަކާ ދިމާކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ.

"މިކުރާ މަސައްކަތަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން، ހާއްސަކޮށް އަންސްކިލްޑް ލޭބާ މިކިޔާ ކެޓަގަރީގައި ތިބި ހުރިހާ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ނަގާފައި އެމީހުންގެ ފޮޓޯއެއް ނަގާފައި އަޅުގަނޑުމެންގެ އަތުގައި މިހާރު ހުރި ވޯކްޕާމިޓް ރެކޯޑުތަކާ އެމީހުންނާ ދިމާކުރަނީ. މީގެ ތެރޭގެ ބައެއް މީހުންނަކީ މިދެންނެވި ރެކޯޑް ތެރޭގައިވެސް ނެތް މީހުން. އެހެންވީމަ މި މީހުން މި ރެކޯޑުތެރެއަށް ނަގާފައި މިވަގުތު ގަވާއިދާ ހިލާފަށް ތިބީ ކޮން ބައެއްތޯ. އޭނަ ހުރީ ކޮންތާކުތޯ، ކާކުގެ ބެލުމުގެ ދަށުގައިތޯ. ނުވަތަަ އެއްވެސް މީހެއްގެ ބެލުމުގެ ދަށުގައި ނޫން ގޮތަކަށްތޯ." އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ އެގޮތުން އަންނަ މަހުގެ ދެވަނަ ދުވަހު ހުރިހާ ބިދޭސީންގެ ފޮޓޯ އާއި ފިންގަޕްރިންޓް ނަގަން ކ. ހިންމަފުށީގައި ފެށޭނެ ކަމަށެވެ.

"އެއްފަހަރާ ފަށާނަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުރިހާ ރަށެއްގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި. ދާއިރު ކައުންސިލާއި ރަށު އޮފީހާ ގުޅިގެން، އެ ރަށެއްގައި ގަވައިދާ އެއްގޮތަށް ވެސް ގަވާއިދާ ހިލާފަށް ވެސް އުޅޭ މީހުންގެ ވެސް ޕިންގާ ޕްރިންޓް ނަގާފައި ފޮޓޯ ނަގާނެ،" އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ކަމަށް ފާހަގަކުރެވޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ފުރުސަތު ދޭނެ ކަމަށާއި އެ ފުރުސަތުގެ ބޭނުން ނުހިފާ ނަމަ، ސަރުކާރުން އެމީހުން ޑީޕޯޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެއްވެސް ގޮތަކަށް ކާކުކަން އެނގޭފަދަ ލިޔެކިޔުމެއް ނެތް ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އެކި އެމްބަސީތަކާ ގުޅިގެން ދެނެގަނެ، ޓްރެވަލް ޑޮކިއުމަންޓެއް ހަދައި ވަގުތުން ޑީޕޯޓް ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މާނައަކީ ފިލައިގެން އުޅެނީ. އެއްވެސް ވަރަކަށް ރަސްމީ ކުންފުންޏެއްގައި މަސައްކަތެއް ނުކުރޭ. ފައިސާ އެއްޗެހި ގަވާއިދާ ހިލާފަށް ބޭރުކުރަނީ. މިގޮތަށް އުޅޭ މީހުންނަށް ވެސް އަޅުގަނޑުމެން ފުރުސަތު ދޭނަން އޭނާ ގަވާއިދުގެ ތެރެއަަށް ވަންނަން. އެ ފުރުސަތަށް ބޯނުލަނބާ ނަމަ އޭނާ ޑީޕޯޓްކޮށްލާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ އެތެރެވާ ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމުގެ ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިހާރަށް ވުރެ ހަރުދަނާކުރުމަށް މަސައްކަތްކުރައްވަމުން ގެންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އަންސްކިލްޑް ލޭބަރުން ނުވަތަ ތަމްރީނު ލިބިފައިނުވާ ލޭބަރުންގެ ޑިމާންޑް އިތުރުވާނެ ކަމަށެވެ. އެފަދަ ލޭބަރުން ގަވާއިދާ އެއްގޮތަށް ރާއްޖެއަށް އެތެރެވާކަން ކަށަވަރު ކުރުމަށް ހާއްސަ މަސައްކަތްތައް ކުރެވޭނެ ކަމަށާއި ތިން އަހަރު ދުވަހުގެ ތެރޭގައި ބިދޭސީންގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.