އެކިއެކި ސަބަބުތަކާ ހުރެ ސިވިލް ސާވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުންނަށް އަލުން ސިވިލް ސާވިސްގައި ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ފަހިކޮށްދޭން ކެބިނެޓްގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އެކި ސަބަބުތަކާ ހުރެ ސިވިލް ސާވިސްގެ ވަޒީފާ ދޫކޮށްލާފައިވާ މީހުންނަށް އަލުން ސިވިލް ސާވިސްގެ ވަޒީފާ އަދާކުރުމުގެ މަގު ފަހުކޮށްދިނުމަށް ރައީސް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް އޮފީހުން ހުށަހެޅި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސްގެ އެ ނިންމެވުމުގެ ސަބަބުން، ސިވިލް ސާވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކުގައާއި ވަގުތީގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާ އަދާކުރުމަށް ޝައުގުވެރިކަން ހުރި، އެ ދާއިރާތަކުގައި ވަޒީފާ އަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖެއްސުމަށްވެސް ނިންމާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ އެކިއެކި ޓެކްނިކަލް ދާއިރާތަކުން ތަމްރީނުވެގެން ރާއްޖޭގައި މަސައްކަތް ކުރާ ދިވެހިން ސަރުކާރުގެ ވަޒީފާތަކަށް ގެނައުމަށް ބާރުއެޅުމަށް އެ ފަރާތްތަކަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށާއި އެފަދަ ފަރާތްތަކަށް ހާއްސަަ "ޕޭ ސްޓްރަކްޗާ" އެއް އެކުލަވާލުމަށްވެސް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ހަޔާ އެޑިޔުކޭޝަން ލޯން ސްކީމަށް ކަނޑައަޅާ ބަޖެޓުގެ ތެރެއިން މަދުވެގެން 50 ޕަސެންޓް ހުރިހާ ދާއިރާއެއްގެ "ހައިލީ ޓެކްނިކަލް ފީލްޑްތަކަށް" ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ފަދަ ނިންމެވުމެއް ރައީސް ނިންމެވީ، ސިވިލް ސާވިސްއަށް މީހުން ރެކްރޫޓްކުރުމުގެ އިޖުރާއަތުތައް ހުރި ގޮތުން މީހުން ލިބުން ދަތި ނޫން މަގާމުތަކަށްވެސް މީހުން ހަމަޖެއްސުން ލަސްވާތީ ބައެއް މުއައްސަސާތަކުން ހިދުމަތް ދިނުމުގައްޔާއި، މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިވާ ކަމަށް ފާހަގަކުރެވޭތީ އާއި ދާއިމީ މަގާމުތަކަށް މީހުން ހޯދުމުގެ އިތުރުން އެކި ސަބަބުތަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީ ނަގާ މުވައްޒަފުންގެ ބަދަލުގައި ވަގުތީ ގޮތުން މަސައްކަތް ކުރާނެ މީހުން ރެކްރޫޓުކުރުމަށް ދަތިތައް ހުރުމުންނެވެ.
ނަރުހުން ހިމެނޭ ގޮތަށް، ސިއްހީ ދާއިރާ އިން އެކި ސަބަބުތަކާ ހުރެ ވަކިވެފައިވާ މުވައްޒަފުންނާއި ހިދުމަތުން ރިޔަޓަޔާ ކޮށްފައި ތިބި މީހުން އަލުން ހިދުމަތަށް ގެނައުމަށް ނިންމައި އެއާ ގުޅޭ އުސޫލެއްގެ ދަށުން މިހާރު ގެންދަނީ އަމަލުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު