މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ހުއްޓިފައި އޮތް ރާއްޖޭގެ ފުރަތަމަ ޑިވިޝަން ޖޫން މަހުގެ 15 ވަނަ ދުވަހު އަލުން ފަށަން ތާވަލުކޮށްފިއެވެ.

ސީޒަން ފެށުމަށް އެފްއޭއެމް އިން ފުރަތަމަ ޑްރާފްޓް ކުރި ސީޒަން ތާވަލުގައި ސީނިއާ ލީގުގެ ހުޅުވުން ތާވަލުކޮށްފައި އޮތީ މި މަހުގެ 10 ވަނަ ދުވަހަށެވެ. އޭގެ ފަހުން 16 މެއިގައި ޕްރެސިޑެންޓްސް ކަޕްވެސް ފަށަން ތާވަލުކޮށްފައި އޮތްއިރު، ލީގު ފަށަން އޮތީ ޖުލައި 17 ގައެވެ.

މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ސީޒަން ނިންމާލީ، ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރާ ހަމައަށް ކުޅުމަށްފަހު، ތިންވަނަ ބުރު ނުކުޅެއެވެ. އެ ހިސާބުން ސީޒަން ނިންމާލައި އެފްއޭ ކަޕްވެސް ކެންސަލް ކުރިއެވެ. އަދި ތިންވަނަ ޑިވިޝަނަށްވެސް އަދި ވަކި ތާވަލެއް ނެތެވެ.

އެހެން އޮވެފައި ކުއްލިއަކަށް ސީޒަން ފަށަން ބޭނުން ނުވާތީ، އެފްއޭއެމް އިން ފުރަތަމަ ހުށަހެޅި ޑްރާފްޓް ކަލަންޑަރަށް ކްލަބުތަކުން އެއްބަސްވެފައެއް ނުވެއެވެ.

"ވަން ސްޕޯޓްސް" އަށް ބައެއް ކްލަބުތަކުގެ އިސް އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި އެފްއޭއެމް އިން ސީޒަނަށް ތާވަލުކުރި ޑްރާފްޓް ޝެޑިއުލްގައި އޮތް ގޮތުން، ޓީމުތަކަށް ތައްޔާރުވާން މާބޮޑު ވަގުތެއް ނުލިބުން އެއީ މައްސަލައެކެވެ. ކުޅުންތެރިން މި ވަގުތު އުނދަގޫ ހާލަތެއްގައި ތިބި އިރު، އެ ކުޅުންތެރިން އެނބުރި ފަރިތަކުންތަކަށް ނެރެ، ޕްރީ ސީޒަނެއް ނުހެދި ސީޒަނަކަށް ނުކުންނަން ޖެހުމަކީ ޗެލެންޖެއް ކަމަށް ބައެއް ކްލަބުތަކުން ފާހަގަކޮށްފައިވެއެވެ.

އެ ޝަކުވާތަކާއެކު ފައިނަލް ކުރި ކަލަންޑަރަށް އެފްއޭއެމް އިން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޗެރިޓީ ޝީލްޑް މެޗު މިހާރު ތާވަލު ކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހަށެވެ. އެއީ ފީފާ ބްރޭކަށްފަހުއެވެ.

ފުރަތަމަ ޕްރެސިޑެންޓްސް ކަޕް ތާވަލުކޮށްފައި ވަނީ ޖޫން 22 އިން ޖުލައި 22 އަށެވެ. އޭގެ ކުރިން މި މަހު 20ގައި ފަށަން އެފްއޭއެމް އިން ތާވަލުކޮށްފައި ވަނީ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕެވެ. ލީގު ފަށަން މިހާރު ތާވަލުކޮށްފައި ވަނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހަށެވެ.

މިދިޔަ އަހަރު އެފްއޭ ކަޕް ނުކުޅެ ސީޒަން ނިންމާލި ނަމަވެސް މި ފަހަރު އެފްއޭ ކަޕް ތާވަލު ކޮށްފައިވެއެވެ. އެ މުބާރާތް ފަށަން ތާވަލުކޮށްފައި ވަނީ އޮކްޓޯބަރު 28 އަށެވެ. އަދި ސީޒަން ނިމުމުން، އިންވިޓޭޝަނަލް ކަޕެއް ކުޅުމަށްވެސް އެފްއޭއެމް އިން ކްލަބުތަކާ ހިއްސާ ކޮށްފައިވާ ކަލަންޑަރުގައިވެއެވެ.

  • އެފްއޭއެމް 19 އަހަރުން ދަށުގެ މުބާރާތް ފެށުން - 20 މޭ
  • ޗެރިޓީ ޝީލްޑް މެޗު - 15 ޖޫން
  • ޕްރެސިޑެންޓްސް ކަޕް - ޖޫން 22 އިން ޖުލައި 22 އަށް
  • އެފްއޭއެމް 14 އަހަރުން ދަށުގެ މުބާރާތް ފެށުން - 12 އޮގަސްޓް
  • ދެވަނަ ޑިވިޝަން ފެށުން - 7 އޮކްޓޯބަރު
  • ތިންވަނަ ޑިވިޝަން ފެށުން - 5 ޑިސެމްބަރު
  • އެފްއޭއެމް 12 އަހަރުން ދަށު މުބާރާތް ފެށުން - 6 ޑިސެމްބަރު
  • އެފްއޭ ކަޕް ފެށުން - 28 އޮކްޓޯބަރު
  • އިންވިޓޭޝަނަލް ކަޕް - 25 ޖެނުއަރީ 2025

އެފްއޭއެމް އިން ކްލަބުތަކާ ހިއްސާ ކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން ގައުމީ ޓީމުތަކަށް އޮތް މުބާރާތްތަކަށް ބަލާއިރު، އޮގަސްޓް މަހު ސާފް 20 އަހަރުން ދަށުގެ މުބާރާތާއި ސެޕްޓެމްބަރު މަހު އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިނާއި 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްވެސް ހިމެނެއެވެ. އަދި އޮކްޓޯބަރު މަހު ސާފް ވިމެން ޗެމްޕިއަންޝިޕް އޮތްއިރު، އޭޝިއަން ކަޕް ކޮލިފައިން އޮތީ ސެޕްޓެމްބަރު މަހުއެވެ.

ރާއްޖޭގެ ކްލަބްތަކުން، މި ސީޒަނުގައި ކުޅެންޖެހޭ އޭއެފްސީ ޗެލެންޖާސް ލީގުގެ ކޮލިފައިން އޮތީ ޖުލައި/އޮގަސްޓްގައެވެ.

އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި 10 ޓީމު ކުޅޭނެ ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައެވެ. އެއީ، ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދިޔަ މަސް އޮޑި ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އިތުރުން، ފުރަތަމަ ޑިވިޝަނުގައި ކުރިން ވެސް އޮތް އަށް ކްލަބެވެ. މިދިޔަ ސީޒަނުގެ ދެވަނަ ބުރުގެ ވަކި ހިސާބަކުން، ލީގުން ވަކިވި ކްލަބް ގްރީން ސްޓްރީޓްސްއާއި ކްލަބް ވެލެންސިއާގެ ތެރެއިން، ވެެލެންސިއާ މިވަގުތު އޮތީ އެފްއޭއެމްގެ ސަސްޕެންޝަންގައެވެ. އެއީ، އިދާރީ މައްސަލައެއް ކަމަށް ބުނެ، އެފްއޭއެމްގެ އިންތިހާބާ ދިމާކޮށް އެކްލަބަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް އެޓީމުން ވަނީ ބުނެފައެވެ.

އެފްއޭއެމްއަށް ސީޒަނެއް ފަށަން އިތުރު ދަތިތައް ހުރި އިރު، އެ އިދާރާ މިވަގުތު އޮތީ އޮޅުން ބޮޅުމެއްގެ ތެރޭގައެވެ. އިދާރާ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިނގަމުންދާ އިރު، ސައްހަ އިންތިހާބަކަށް ތަކުރާރުކޮށް މަސައްކަތް ކޮށް، އެކަމަށް އަދިވެސް އޮތީ ހައްލެއް ނުލިބިއެވެ. އެފްއޭއެމްގެ އިންތިހާބުގެ މައްސަލަތަކަށް ހައްލެއް ހޯދަން ފީފާއާއި އޭއެފްސީގެ ޓީމަކުން ރާއްޖެ އައިސް، މައްސަލަ ދިރާސާކޮށްފައިވެއެވެ. އެކަމުގައި ނިންމި ނިންމުން އަދި ހާމަކޮށްފައެއް ނުވެއެވެ.