މި ސަރުކާރުގެ ކެބިނެޓް ވަޒީރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ކެބިނެޓް ވަޒީރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް އާއްމުކުރާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެއެވެ. ނަމަވެސް ސަރުކާރަށް ހަ މަސް ދުވަސްވެގެންދާއިރު އެ ބަޔާންތައް އާއްމުކޮށްފައެއް ނުވެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން "ވަން" އިން ސުވާލުކުރުމުން އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، ސަރުކާރުގެ ސްޓޭންޑަކީ ކަންކަން ހާމަކުރުން ކަމަށާއި އެކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

"މާލީ ބަޔާންތައް، އެ މައުލޫމާތުތައް ހާމަކުރަމުންގެންދާނަން. ވީ އެންމެ އަވަހަކަށް" ހީނާ ވިދާޅުވިއެވެ.

އަލަށް އައްޔަނުކުރި ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ މައުލޫމާތުވެސް ރައީސް އޮފީހުން އާއްމު ނުކުރާތާ ދުވަސްތަކެއް ވަނީ ވެފައެވެ. ހީނާ ވިދާޅުވީ، އެކަންވެސް ހައްލުކޮށް، ވަރަށް އަވަހަށް އެ މައުލޫމާތުތައްވެސް ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތް ހަދާނެ ކަމަށެވެ.