ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭ ގޮތް ހެދީ ނުރައްކަލެއް އޮވެގެން ނުވަތަ އެފަދަ މައުލޫމާތެއް ލިބިގެން ނޫން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް އޮފީހަށް ފޯނު ވެއްދުން ނޫސްވެރިންނަށް މަނާކުރީ ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމަށެވެ. އެގޮތުން މިނިސްޓަރުންނާއި ރައީސް އޮފީހުގެ މުވައްޒަފުން ފިޔަވައި އެހެން މީހުންނަށް ފޯނު ވެއްދުން މަނާ ވާނެ ކަމަށް ވިދާޅުވިއެވެ.
ކުރިން އަންގާފައި ނެތުމުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ވެއްދުނު ނަމަވެސް ހީނާ ވިދާޅުވި ގޮތުގައި މީގެ ފަހުން ދެން ފޯނު ނުވެއްދޭނެއެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފުން "ވަން" އަށް މިރޭ ބުނީ އެމްއެންޑީއެފުން ވަނީ ރައީސް އޮފީހުގެ މުވައްޒަފުން ފިޔަވައި އެހެން އެއްވެސް މީހަކަށް އެ އޮފީހަށް ފޯނު ނުވެއްދޭ ގޮތަށް މީގެ ދެމަސް ދުވަސް ކުރިން ނިންމައިފައި ކަމަށެވެ.
"އެގޮތަށް ނިންމީ ނުރައްކަލެއް އޮވެގެންނެއް ނޫން. އެކަހަލަ މައުލޫމާތެއް ވެސް ލިބިގެންނެއް ނޫން" އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، ރައީސް އޮފީހުގެ ސެކިއުރެޓީއަށް ބަދަލުތަކެއް ގެނައި ސަބަބެއް މީޑިއާތަކާ ހިއްސާ ނުކުރާނެ ކަމަށާއި ރައީސް އޮފީހުގެ ސެކިއުރެޓީއަށް ބަދަލުތަކެއް ގެނައުމަކީ އެމްއެންޑީއެފް އިންޓާނަލް ކަމެއް ކަމަށެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލްގައި އަމަލުކުރަމުންދާ އާއްމު އުސޫލަކީ އެކި ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުން، އެއީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންކަމުގައި ވިޔަސް ސެކިއުރިޓީއާ ފޯނު ހަވާލުކުރެއްވުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނޫސްވެރިންނަށް ފޯނު ނުވެއްދޭ ގޮތަށް ނިންމި ނިންމުން މިހާރު ބަދަލުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"ނަމަވެސް މިއަދުވެސް އަދި މީގެ ފަހުންވެސް ނޫސްވެރީންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށް ވަޑައިގަންނަވާ ނޫސްވެރީންނަށް ފޯނާއެކު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނޭ އިންތިޒާމު ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ވަނީ ހަމަޖައްސަވައިދެއްވައި،" ރައީސް އޮފީހުން ބުންޏެވެ.
ނޫސްވެރީންގެ މަސައްކަތްތަކަށް ފަސޭހަވާނެ ގޮތަށް ކަންކަން ހަމަޖައްސައިދެމުން ގެންދިއުމަށް ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު