ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެ ކަމަށް ނިންމި ނިންމުމަށް ފާޑު ކިޔުން އަމާޒުވުން، ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދޭނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް އޮފީހަށް ފޯނު ވެއްދުން ނޫސްވެރިންނަށް މަނާކުރީ ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމަށެވެ. އެގޮތުން މިނިސްޓަރުންނާއި ރައީސް އޮފީހުގެ މުވައްޒަފުން ފިޔަވައި އެހެން މީހުންނަށް ފޯނު ވެއްދުން މަނާ ވާނެ ކަމަށް ވިދާޅުވިއެވެ.

ކުރިން އަންގާފައި ނެތުމުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ވެއްދުނު ނަމަވެސް ހީނާ ވިދާޅުވި ގޮތުގައި މީގެ ފަހުން ދެން ފޯނު ނުވެއްދޭނެއެވެ.

ނަމަވެސް އެފަހުން ރައީސް އޮފީހުން ބުނީ ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނު ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަނީ ވަރަށް ބޮޑު ދޮގު ހަބަރެއް ކަމަށެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ނޫސްވެރިން ފޯނާ އެކު ވެދެފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލްގައި އަމަލުކުރަމުންދާ އާއްމު އުސޫލަކީ އެކި ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުން، އެއީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންކަމުގައި ވިޔަސް ސެކިއުރިޓީއާ ފޯނު ހަވާލުކުރެއްވުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"ނަމަވެސް މިއަދުވެސް އަދި މީގެ ފަހުންވެސް ނޫސްވެރީންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށް ވަޑައިގަންނަވާ ނޫސްވެރީންނަށް ފޯނާއެކު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނޭ އިންތިޒާމު ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ވަނީ ހަމަޖައްސަވައިދެއްވައި،" ރައީސް އޮފީހުން ބުންޏެވެ.

ނޫސްވެރީންގެ މަސައްކަތްތަކަށް ފަސޭހަވާނެ ގޮތަށް ކަންކަން ހަމަޖައްސައިދެމުން ގެންދިއުމަށް ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއަދު އޮތް ނޫސްވެރީންގެ ބައްދަލުވުމަށް ފޯނު ހިފައިގެން ވަދެ ތިބުމަށްފަހު، ކަން ހިނގާފައިވާގޮތުގެ ހަގީގަތް އޮޅޭގޮތަށް ބައެއް މީޑިއާތަކުން ހަބަރުފަތުރަމުން ދިއުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށް ރައީސް އޮފީހުން ބުންޏެވެ.