ވިހި ވަނަ ރައްޔިތުންގެ މަޖިލިސް ފެށުމާއެކު އެންމެ ފުރަތަމަ ސަރުކާރުން މަޖިލީހަށް ހުށަހަޅާނީ ބޯހިޔާވަހިކަމާގުޅުން ހުރި ގާނޫނުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ނިއުސްކޮންފަރެންސްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ސަރުކާރުގެ މުއައްސަސާތަކާއި ވަޒީރުންނާ ހުރިހާ ބޭފުޅުން 24 ގަޑިއިރު މަސައްކަތުގައި އުޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަޖިލިސް މެންބަރުންވެސް ހިމެނިވަޑައިގަންނަވާނެ ކަމަށާއި، އެހެންކަމުން މަޖިލީހުގެ މަސައްކަތްތަކަށް އެބޭފުޅުން ތައްޔާރުވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ އާ މަޖިލިސް ފެށުމާއެކު ހުށަހަޅަން ޖެހޭ ގާނޫނުތަކެއް އެބަހުރި ކަމަށެވެ.

"ހާއްސަ ގޮތެއްގައި ހަފުތާ 14އިގެ ތެރޭގައި ހުށަހެޅުން މުހިއްމު ގާނޫނުތަކެއް އެބަ ހިމެނޭ، އެއީ އެންމެ ބޮޑަށް އިސްކަންދޭ ގާނޫނުތައް، އޭގެ ތެރޭގައި ބޯހިޔާވަހިކަމާ ގުޅުންހުރި ގާނޫނުތައް، ޖިނާއީ އަދުލުގެ ގާނޫނުތައް، އިޖުތިމާއީ ރައްކާތެރިކަމާ ގުޅޭ ގާނޫނުތައް، ދައުލަތުގެ ހިންގުމުގެ ނިޒާމާ ގުޅޭ ގާނޫނުތައް، މިކަހަލަ މުހިއްމު ގާނޫނުތަކެއް މަޖިލީހަށް ހުށަހަޅަން ބޭނުންވާ އެބަހުރި،" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ދެން އޮތީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އެންމެފަހު ޖަލްސާ ކަމަށެވެ. އެއަށްފަހު މަޖިލީހުގައި މިހާރު ހުރި ބިލްތައް ރީސެޓް ވެގެންދާނެ ކަމަށާއި އޭގެ ތެރޭގައި ވެސް މަޖިލީހަށް ހުށަހަޅަން ޖެހޭ މުހިއްމު ގާނޫނުތަކެއް ހިމެނޭނެ ކަމަށެވެ. އެއީ ބިމާބެހޭ ގާނޫނާއި ރިޔަލްއެސްޓޭޓް ވިޔަފާރިއާބެހޭ ގާނޫނާއި، އިޖުތިމާއީ ބޯހިޔާވަހިކަމުގެ ގާނޫނާއި އާބަން ޑީވެލޮޕްމަންޓްގެ ގާނޫނާއި ކޮޕީރައިޓްސްގެ ގާނޫނު އަދި ޕްރިވެންޝަން ހެލްތު ކެއާގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ކަމަށްވެސް ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ މިހާރު އޮތް މަޖިލީހުން ބޭރުކޮށްލި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގެ ބިލް ވެސް އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.