ދުނިޔޭގެ ވަރަށް މަދު ގައުމެއް މެނުވީ ކޮރަޕްޝަނުގެ މުޑުދާރުކަމުން ސިޔާސީ ދާއިރާ ސަލާމަތްވެފައެއް ނެތެވެ. ސިޔާސީ ހަތުރުން ޖަލަށްލުމަށް ގިނަ ގައުމުތަކުގައި ބޭނުންކުރާ ބަހަނާޔަކީވެސް ހަތިޔާރަކީވެސް ކޮރަޕްޝަނެވެ. މި މަންޒަރު އެންމެ ގިނައިން ފެންނަނީ އޭޝިޔާ އާއި އެފްރިކާ އަދި ދެކުނު އެމެރިކާގެ ގައުމުތަކުންނެވެ. ސަރުކާރެއް ބަދަލުވުމާއެކު ދެން އެންމެ އަވަހަށް ހިލިގަންނަނީ ކުރީގެ ސަރުކާރުގެ އިސްވެރިންގެ މައްޗަށް އުފުލޭ ކަރަޕްޝަނުގެ އެކި ދައުވާތަކެވެ. ބައެއްފަހަރަށް ތެދުނިޔަތުގައި އުފުލާ ދައުވާތަކެވެ. އެކަމަކު ގިނަފަހަރަށް ބަދަލުހިފުމާއި ހަސަދައިގެ އުދާސްތަކުގެ ތެރެއިން އުފަންވާ ނުވަތަ އުފަންކުރާ ދައުވާތަކެވެ. ކުރީގެ ވެރިއެއްގެ މައްޗަށް ކޮރަޕްޝަނުގެ ތަހުގީގެއް ފެށިއްޖެއޭ ނުވަތަ ދައުވާތަކެއް އުފުލިއްޖެއޭ އަޑު އިވޭއިރަށް އެންމެފުރަތަމަވެސް ފިކުރު ހިންގައިލާންޖެހެނީ މި ދައުވާއެއްގެ ސައްހަކަމާމެދުގައެވެ. ކުރަންއުޅޭ ކަމެއްގެ ނިޔަތުގެ ސާފުކަމާމެދުގައެވެ. ޝައްކުއުފެދޭ ކަހަލަ ސަބަބުތަކެއް ހުރުމުންނެވެ.
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދާއި އޭނާގެ އާއިލާގެ މައްޗަށް ކޮރަޕްޝަނުގެ ތަހުގީގެއް ފެށިއްޖެ ވާހަކަ މި ހަފުތާގައި ސަރުކާރުން އިއުލާނުކުރުމާއެކު ދެން އުފެދުނީ ކުރިން ދެންނެވި ޒާތުގެ ސުވާލުތަކެކެވެ. މިއީ ބަދަލު ހިފުމެއް ބާވައެވެ. ނުވަތަ އެހެންކަމެއް ބާވަައެވެ. ޑރ. މަހާތީރަކީ އުމުރުފުޅުން 98 އަހަރުވެފައިވާ ބޭފުޅެކެވެ. މެލޭޝިއާގައި ދެ ފަހަރެއްގެ މަތިން އޭނާ ބޮޑުވަޒީރުކަން ކުރައްވައިފިއެވެ. އެންމެ ފުރަތަމަ 1981 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާ ހަމައަށެވެ. އޭގެފަހުން ވަރަށް ދިގު މުއްދަތެއްގެ މެދުކެނޑުމަކަށްފަހު 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށެވެ. މީގެތެރެއިން ފުރަތަމަ ބާވީސް އަހަރަކީ ގައުމުގެ ކުރިއެރުމާއި ތަރައްގީގެ ރަން ދައުރެކެވެ. އެކަމަކު ފަހު ތިން އަހަރަކީ އެކަހަލަ ދައުރެއް ނޫނެވެ. ސިޔާސީ ހަމަނުޖެހުންތަކާއި ބައިބައިވުމުގެ ދައުރެކެވެ. ވެރިކަން ގެެއްލުނީވެސް ސިޔާސީ ބައިބައިވުމެއްގެ ތެރެއިންނެވެ.
މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރަކީ އަންވަރު އިބްރާހީމެވެ. މަހާތީރުގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރު އަންވަރަކީ މަހާތީރުގެ ފުށުން ވަރަށްބޮޑު އަދަބެއް ލިބިފައިވާ ބޭފުޅެކެވެ. ކޮރަޕްޝަނުގެ ތުހުމަތުގައި ނުވަ އަހަރުގެ ޖަލު ހުކުމެެއް އިއްވުނެވެ. އެ ހުކުމް ތަންފީޒުކޮށް ނިމޭތަނުން އަނެއްކާވެސް ނުވަ އަހަރުގެ އިތުރު އެހެން ހުކުމެކެވެ. މިފަހަރު އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގައެވެ. އަންވަރުގެ ސަޕޯޓަރުން ގަބޫލުކުރާގޮތުގައި މިއީ ހައްތާވެސް އޭނާގެ ސިޔާސީ ހަޔާތް ބަރުބާދުކޮށްލުމުގެ ގޮތުން މަހާތީރު އަޑީގައި ހުންނަވައިގެން އުފަންކުރި މައްސަލަތަކެކެވެ. ހައްތާވެސް ސިޔާސީ ކުލަޖެހިފައިވާ މުޑުދާރު ދައުވާތަކެކެވެ. މިވަރުގެ ކަމެއް މަހާތީރު ކުރައްވަންޏާ މުހިންމު ސަބަބެއްވެސް އޮންނަންވާނެތާއެވެ. އަންވަރުގެ ސަޕޯޓަރުން ގަބޫލުކުރާގޮތުގައި ބޭނުމަކީ މަހާތީރުގެ ވެރިކަން ދެމެހެއްޓުމެވެ. އަންވަރަކީ މަހާތީރުގެ ވެރިކަމަށް ހުރި ބޮޑު ބިރަކަށްވުމެވެ. އެކަމަކު މީގެ އަނެއްކޮޅުވެސް އެބައޮތެވެ. އަންވަރު އަންވަރަކަށް ހެއްދެވީވެސް ހަމަ މަހާތީރެވެ.
އަންވަރު އިބްރާހީމުގެ ސިޔާސީ ހަޔާތުގެ ބިންގާ އަޅުއްވައިދެއްވައި އާރާސްތުކޮށްދެއްވި ބޭފުޅަކީ މަހާތީރެވެ. ކެބިނެޓަށް ގެންނަވައި މާލީ ވުޒާރާ ކަހަލަ މުހިންމު ވުޒާރާތައް ދެއްވައި ހުރިހާ ބާވަތެއްގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވީވެސް މަހާތީރެވެ. ބޮޑުވަޒީރުގެ ނާއިބުކަންވެސް ދެއްވިއެވެ. މަހާތީރަށްފަހު ދެން ވެރިކަމަށް ވަޑައިގަންނަވަން ހުންނެވި ބޭފުޅަކީ އަންވަރު ކަމަށްވެސް ނިންމެވިއެވެ. އެކަމަކު ދެން ފެނުނީ އެހެން މަންޒަރެކެވެ. ދެން ފެނުނީ އަންވަރުގެ ވެއްޓުމެވެ. ވެއްޓުމާއެކު ދެން ތަމްސީލުވެގެންދިޔަ މަންޒަރުތަކުގެ ވާހަކަ އިސްވެ ބަޔާންކުރެވިއްޖެއެވެ. ކޮންމެއަކަސް އެއީ މާޒީއެވެ. މަހާތީރުގެ އެހީތެރިކަމާނުލައި އަންވަރު އެވަނީ ބޮޑުވަޒީރުކަމަށް ވަޑައިގެންފައެވެ. އަންވަރު ވެރިކަމަށް ވަޑައިގެންނެވީ 2022 ވަނަ އަހަރު ބޭއްވުނު އާއްމު އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. އަންވަރުގެ ވެރިކަން ފެށުމާއެކު ވަރަށް ގިނަބައެއްގެ ހިތުގައި އުފެދުނު ސުވާލެކެވެ. މަހާތީރާމެދު އޭނާ އަމަލުކުރައްވާނީ ކިހިނަކުން ބާވައެވެ. ބަދަލުހިފުމެއް ނާންނާނެ ބާވައެވެ.
މަހާތީރަކީ ސަތޭކަ އަހަރުގެ އުމުރުފުޅަކާ ކައިރިވެފައިވާ ބޭފުޅަކަށްވާތީކަންވެސް ނޭނގެއެވެ. އަންވަރުގެ ވެރިކަމުގެ ފުރަތަމަ ދޮޅުއަހަރު ދިޔައީ މަހާތީރުގެ ކޮރަޕްޝަނުގެ ވާހަކަޔާއި ދައުވާ އުފުލުމުގެ ވާހަކަ ދެއްކުމެއްނެތިއެވެ. އެކަމަކު ކުއްލިއަކަށް މިހަފުތާގައި މިކަން ބަދަލުވެއްޖެއެވެ. މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ވެރިޔާ އަޒާމް ބާކީ އިއުލާން ކުރައްވައިފިއެވެ. ކުރީގެ ބައެއް ވެރިންނާއި އެބޭފުޅުންގެ އާއިލާގެ ބޭފުޅުންގެ މައްޗަށް ކަރަޕްޝަނުގެ ބޮޑު ތަހުގީގެއް ފެށިގެން ކުރިއަށް އެބަދެއެވެ. އޭގެތެރޭގައި މަހާތީރު މުހައްމަދުވެސް ހިމެނިވަޑައިގަންނަވައެވެ. މިވާހަކަ އޭނާ އިއުލާން ކުރެއްވުމުގެ ކުރިން މަހާތީރުގެ އެންމެދޮށީ ދެ ބޭފުޅުންކަމަށްވާ މިރުޒާން މަހާތީރާއި މުޚުޒާނީ މަހާތީރުގެ މައްސަލަތަކެއް ބަލަން ފަށާފައިވާކަން މީޑިއާއަށް ވަނީ ތިލަވެގެން އައިސްފައެވެ. އެބޭފުޅުންގެ މިލްކިއްޔާތާބެހޭ ތަފްސީލު ދޭންވެސް އެންޓި ކަރަޕްޝަން ކޮމިޝަނުން ވަނީ އަންގައިފައެވެ. މިކަން ނިމޭނެގޮތް އަދިއޮތީ ނޭނގުމެއްގެ ތެރޭގައެވެ.
މަހާތީރާ ދެކޮޅު ތަހުގީގުގެ މައްސަލައިގައި މަހާތީރުގެ އާއިލާއިން އަދި އެއްޗެއް ނުބުނެއެވެ. އެކަމަކު ބޮޑުވަޒީރު އަންވަރު ވަނީ ނުސީދާކޮށް މިކަމަށް އިޝާރާތްކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ ކޮރަޕްޝަނުގެ ދައުވާ ކުރާނެ ފަރާތްތަކާއި ނުކުރާނެ ފަރާތްތައް ނިންމަނީ ބޮޑުވަޒީރު ނޫންކަމަށާއި ތަހުގީގާއި ސަރިޔަތަށް އުނދުޅި ބޭނުމަކީ ބޮޑުވަޒީރުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމުގައެވެ. ކޮންމެއަކަސް މަހާތީރުގެ މައްޗަށް ކުރެވޭ ތަހުގީގަށް މެލޭޝިއާގެ ރައްޔިތުން އެތިބީ ޝައުގުވެރިކަން ދީގެންނެވެ. ސިޔާސީ މީހުން ކުށްވެރިވެ ހުރަގެއަށްލެވޭ ގޮތް މެލޭޝިއާގައި ވަރަށް ގިނައިން ފެންނާތީ މިއީވެސް ސިޔާސީ ޑްރާމާއެއް ކަމަށް ހީކުރާ މީހުން މަދެއް ނޫނެވެ. ބަދަލުހިފުމެއްކަމަށް ގަބޫލުކުރާ މީހުންވެސް މަދެއް ނޫންމެއެވެ. އެކަމަކު އުފެދޭ ސުވާލެއް އެބައޮތެވެ. އެންމެ މުސްކުޅި އުމުރުގައި ސިޔާސީ މީހަކު ޖަލަށްލައިގެން ސިޔާސީގޮތުން ހޯދޭނެ ވަކި މޮޅެއް އަންވަރަށް އޮންނާނެ ބާވައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ