ފްރާންސް ލީގުގެ އެއްވަނައިގައި އޮތް ޕީއެސްޖީން ރޭ ރަށުން ބޭރުގައި ލޮރިއެންޓް ބަލިކޮށްފިއެވެ.
ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ލޮރިއެންޓް ކައިރިން މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވެ، ޕީއެސްޖީން ލީގުގެ އެއްވަނައިގައި އޮތީ 30 މެޗުން 69 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް މޮނާކޯއަށް 30 މެޗުން 58 ޕޮއިންޓް ލިބިފައިވާ އިރު، ރޭ ޕީއެސްޖީއަށް ލީގު ޔަގީން ނުކުރެވުނީ މޮނާކޯއިން ކުޅުނު މެޗުގައި ލިލް އަތުން 1-0 އިން މޮޅުވުމުންނެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި ޕީއެސްޖީން ލީޑު ނެގިއެވެ. މެޗުގެ 19 ވަނަ މިނެޓުގައި އުސްމާން ޑެމްބެލޭ ޕީއެސްޖީއަށް ގޯލު ހުޅުވާލަ ދިން އިރު، އޭގެ ތިން މިނެޓް ފަހުން ކިލިއަން އެމްބާޕޭ ވަނީ ހިތްގައިމު ފްލިކަކުން ޕީއެސްޖީގެ ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފުގައިވެސް ޕީއެސްޖީން މެޗު ކޮންޓްރޯލްކޮށް ކުޅެފައިވާ އިރު، 60 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖެހިއެވެ. އެ ގޯލަކީ އެމްބާޕޭގެ ހުނަރުން ތަނަވަސްކޮށްދިން ބޯޅައެއްގައި ޑެމްބެލޭ ޖެހި ގޯލެކެވެ. އެމްބާޕޭ ފުރުސަތު ތަނަވަސްކުރީ ލޮރިއެންޓްގެ ނަތަނިއަލް އަޖޭއީ ކައިރިން ތަފާތުކޮށް ނައްޓާލައިފައެވެ.
މެޗު ނިމެން ދަނިކޮށް އެމްބާޕޭގެ އިތުރު ގޯލެއް ފެނިގެން ގޮސްފައިވާ އިރު، ފްރާންސްގެ ކެޕްޓަން ވެފައި ވަނީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން އެއް ލީގުގައި ޖެހިޖެހިގެން ހަތަރު ސީޒަނުގައި 25 ގޯލު ހަމަކުރި ފުރަތަމަ ފްރާންސް ކުޅުންތެރިޔާއަށެވެ.
ލޮރިއެންޓްގެ ހަމައެކަނި ގޯލުވެސް ދެވަނަ ހާފުގައި ފެނިގެން ގޮސްފައިވާ އިރު، އެ ގޯލު ޖެހީ ބަމްބާ ޑިއެންގް ބޮލުން ފޮނުވާލި ބޯޅައަކުންނެވެ.
ރޭ ޕީއެސްޖީއަށް ލީގު ޔަގީން ނުކުރެވުނު ނަމަވެސް، އަންނަ ހޮނިހިރު ދުވަހު ލެ ހާވެއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުން މޮޅުވެ، އެޓީމަށް ލީގު ހޯދިދާނެއެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ