މި ސީޒަނަށްފަހު ބާސެލޯނާ ދޫކޮށްލަން ނިންމި ކަމަށް ކޯޗު ޒަވީ ހެނާންޑޭޒް ކުރިން ބުނެފައިވީ ނަމަވެސް، އެ ނިންމުން ބަދަލުކޮށް، 2025 އާ ހަމައަށް އެކްލަބުގައި މަޑުކުރަން ވާހަކަ ދައްކަން ފަށައިފިއެވެ.
ބާސާއަށް މިފަހަރުގެ ލީގުގައި އުނދަގޫތަކެއް ކުރިމަތިވެފައިވާ އިރު، ސީޒަނުގެ ތެރެއިން ޒަވީ ވަނީ މި ސީޒަނަށްފަހު ކްލަބު ދޫކޮށްލާނެ ކަމަށްވެސް ބުނެފައިވެއެވެ. މިއަހަރުގެ ޖެނުއަރީ މަހު ތެރޭގައި ޒަވީ ބުނީ ހުރިހާ އެންމެންވެސް މިހާރު ބޭނުންވަނީ އޭނާ ކްލަބު ދޫކޮށްލަން ކަމަށާއި މީޑިއާއަށްވެސް ހިތްހަމަ ޖެހުމެއް ލިބޭނީ އޭރުން ކަމަށެވެ.
ބާސާގައި ކުޅުންތެރިއެއްގެ ގޮތުގައި 25 ތަށި ހޯދި ޒަވީ، އެ ކްލަބުގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރުއެވެ. އެއީ މާ ބޮޑު ތަޖުރިބާއެއް ނެތިއެވެ. ބާސާގެ ކުރިން ޒަވީ ކޯޗުކަން ކޮށްދިނީ ގަތަރުގެ އަލް ސާދަށެވެ.
ބާސާއާ ހަވާލުވެ ޒަވީ ވަނީ މިދިޔަ ސީޒަނުގެ ތަށިވެސް ހޯދައިފައެވެ. އަދި މި ސީޒަނުގައި އެޓީމު އޮތީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައެވެ. އެހިސާބުގައި ޓީމު އޮތް ނަމަވެސް ކުރިން ޒަވީ ބުނީ މި ސީޒަނަށްފަހު ކްލަބު ދޫކޮށްލާނެ ކަމަށެވެ. އެހެން ނަމަވެސް، ކްލަބުގެ ރައީސް ޖޮއާން ލަޕޯޓާގެ ވިސްނުންފުޅާއެކު، ޒަވީ މަޑުކުރާނެ ކަމަށް މީޑިއާތައް މިހާރު ވަނީ ބުނެފައެވެ.
ބީބީސީ ސްޕޯޓްސްއިން ބުނެފައި ވަނީ ލަޕޯޓާގެ ގޭގައި އިއްޔެ ހާއްސަ ބައްދަލުވުމެއް ކުރިއަށް ދިޔަ ކަމަށާއި އެ ބައްދަލުވުމުގައި ލަޕޯޓާގެ އިތުރުން ޒަވީ އަދި ޑެކޯ ބައިވެރިވެރިވެފައިވާ ކަމަށެވެ. ޑެކޯއަކީ ބާސާގެ ސްޕޯޓިން ޑިރެކްޓަރެއްގެ މަގާމުގައި ހުރި މީހާއަށްވީ އިރު، އެ ބައްދަލުވުމުގައި ޒަވީގެ ކުރިމަގާ މެދު ގޮތް ނިންމާފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.
އެގޮތުން މިހާރު އޮތް އެއްބަސްވުން ހަމަވަންދެން، 2025 ވަނަ އަހަރާ ހަމައަށް ޒަވީ ކްލަބުގައި މަޑުކުރަން ނިންމައި، އެކަން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށްވެސް ބައެއް ނޫސްތަކުން ބުނެއެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ