ޒަމާނީ ވަސީލަތްތަކާ އެކު ފެންވަރު ރަނގަޅު ވެއާ ހައުސިން ކޮމްޕްލެކްސް އެއް ހުޅުމާލޭގައި އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި ކޮމްޕްލެކްސް އިމާރާތް ކުރަނީ އޮޓޮމޭޓެޑް ވެއާހައުސް މެނޭޖްމެންޓް ސިސްޓަމް ގެ ވަސީލަތްތައް ހިމަނައިގެންނެވެ.
ހުޅުމާލޭގައި އިމާރާތްކުރާ މި ވެއާހައުސިން ކޮމްޕްލެކްސް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އިމާރާތް ކުރާ ކޮންޓްރެކްޓަރު، ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޒޯ ވެއިޑޮންއެވެ.
މި އެއްބަސްވުމުގެ ދަށުން ވެއާހައުސިން ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ވެއާހައުސިން ކޮމްޕްލެކްސް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ އެމްޑީ ވިދާޅުވީ، ޒަމާނީ ވަސީލަތްތަކާ އެކު އިމާރާތްކުރާ މި ކޮމްޕްލެކްސް އަކީ އިންޑަސްޓްރީއަށް އަންނަ އިންގިލާބީ ބަދަލެއް ކަމުގައެވެ. އަދި އޭގެ ސަބަބުން ވިޔަފާރިތަކަށް ގިނަ ކުރިއެރުން ލިބޭނެ ކަމަށް ވިދާޅުވިއެވެ.
މި ކޮމްޕްލެކްސް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ އެކި ބާވަތުގެ މުދާ ރައްކާކުރުމަށް ތަފާތު ޔުނިޓްތައް ހިމަނައިގެންނެވެ. އެގޮތުން ކޯލްޑް ސްޓޯރޭޖް އާއި އިންޑަސްޓްރިއަލް ވެއާހައުސިން ޔުނިޓް އަދި ކާނާގެ ބާވަތްތަކާއި ކޮންޒިއުމަބްލް ރައްކާކުރެވޭ ޔުނިޓްތައް ހިމެނެއެވެ. މީގެ އިތުރުން އޮފީސް ޖާގައާއި ޝޯރޫމް ހިމެނޭ އިމާރާތެއް މި ކޮމްޕްލެކެސް ގައި ހުންނާނެއެވެ.
އެޗްޑީސީން ބުނި ގޮތުގައި އެކި ބާވަތުގެ މުދާ ރައްކާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ކޮމްޕްލެކްސް އަކީ ވިޔަފާރިތަކަށް މުދާ ރައްކާކުރުމަށް ލުއި ފަސޭހަ ވަސީލަތަކަށް ވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުދާ ރައްކާކުރާނެ އިތުރު ޖާގަ ތަނަވަސްވެ، ވިޔަފާރި ފުޅާކުރެވޭނެ ފުރުސަތު ތަނަވަސް ވާނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު