ޕްރިމިއާ ލީގުގައި ކުޅެމުންދާ ދެ ކުޅުންތެރިޔަކު، ރޭޕްގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި އެ ދެ ކުޅުންތެރިންނަކީވެސް އުމުރުން 19 އަހަރުގެ ދެ ކުޅުންތެރިންނެވެ. ރޭޕްގެ ތުހުމަތުގައި ހައްޔަރުކުރި ދެ ކުޅުންތެރިންނާވެސް ފުލުހުން ސުވާލުކޮށް، ކަފާލާތުގެ ދަށުން މިހާރު ވަނީ ދޫކޮށްލައިފައެވެ. އެ ދެ ކުޅުންތެރިންނަކީވެސް އެއް ކްލަބެއްގެ ދެ ކުޅުންތެރިން ކަމަށް ބީބީސީ ސްޕޯޓްސްއިން ބުނެފައިވެއެވެ.

ރޭޕްގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ދެ ކުޅުންތެރިންނާ ގުޅޭ އިތުރު މައުލޫމާތެއް އަދި ފުލުހުން ދީފައެއް ނުވެއެވެ. އެ ދެ ކުޅުންތެރިންނަކީ ކޮން ކްލަބެއްގެ ދެ ކުޅުންތެރިންކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން އިއްޔެ އިނގިރޭސި މީޑިއާތަކަށް ބުނެފައި ވަނީ އުމުރުން 19 އަހަރުގެ ދެ ފިރިހެނަކު ހައްޔަރު ކުރި ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ހައްޔަރުކުރީ ރޭޕަށް ހިތްވަރުދީ، ރޭޕް ކުރަން މަސައްކަތް ކުރުމުގެ ތުހުމަތުގައި އަދި މާރާމާރީއަށް ތުހުމަތު ކުރެވިގެން ކަމަށެވެ. އަދި އަނެކަކު ހައްޔަރުކުރީ ރޭޕް ކުރަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ޕްރިމިއާ ލީގުގެ ދެ ކުޅުންތެރިޔަކު، ރޭޕެއްގައި ބައިވެރިވި ކަމަށް ބުނެ، ފުރަތަމަ ހަބަރުތައް ފެތުރިފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ވާހަކަ އެންމެ ފުރަތަމަ ރިޕޯޓް ކުރީ ދަ ސަން ނޫހުންނެވެ. އެ ނޫހުން އެހެން ރިޕޯޓް ކުރުމާއެކު ފުލުހުން ވަނީ ތަހުގީގު ފަށައިފައެވެ.

ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ރޭޕްގެ ތުހުމަތު ކުރެވުނު ދެ ކުޅުންތެރިންނަށް ކްލަބުން ފިޔަވަޅު އަޅައި، ސަސްޕެންޑް ކުރިކަމެއް އެނގިފައި ނުވާ ކަމަށެވެ.