ފެނަކަ ކޯޕަރޭޝަން އިން ހިންގި 60 ޕްރޮޖެކްޓެއްގެ މައްސަލަ ބެލުމަށްފަހު ގޯސްކޮށް ކަންތައް ހިންގާފައިވާ 25 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގައި ކަރަންޓު ދިނުމަށް ދިމާވި މައްސަލައާއި އުސޫލުތަކާ ހިލާފަށް ފެނަކަ އިން މުވައްޒަފުން ވަކިކޮށް، އާ މުވައްޒަފުން ނަގަމުންދާ މައްސަލައާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީީ) އަށް ހާޒިރުވެ މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއާޒް ވިދާޅުވީ، އެ ކުންފުނިން ބެލި 60 ޕްރޮޖެކްޓަކީ ބޯޑުގެ އެޕްރޫވަލްވެސް ނުލިބި ފަށާފައިވާ މަޝްރޫއުތަކެއް ކަމަށެވެ. އެހެންވެ އެ ޕްރޮޖެކްޓްތައް މިހާރު ހުއްޓާލާފައިވާ ކަމަށް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވި ގޮތުގައި އޭސީސީއަށް ހުށަހެޅި 25 ޕްރޮޖެކްޓްތަކަކީ އެސްޓިމޭޓެެއް ހެދުމަކާ ނުލައި މާކެޓުގައި ތަކެތީގެ އަގު ހުރި މިންވަރެެއްގެ ބަލައި ނުލައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކެކެވެ. އެހެންކަމުން މާކެޓްތަކުގައި ހުރި ތަކެއްޗަށްވުރެ 50 ޕަސެންޓް ބޮޑު އަގުގައި އެ ތަނަށް ތަކެތި ގަނެފައިވާ ކަމަށް ޖަހާފައިވާކަން ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން އެ ޕްރޮޖެކްޓްތަކަކީ އެ ޕްރޮޖެކްޓްތައް ނިމޭނެ އަގެއް ކަނޑައަޅައިގެން ފަށާފައިވާ ޕްރޮޖެކްްޓްތަކަަށް ނުވުމާއި ޕްރޮޖެކްޓަށް ބޭނުންވާ މުވައްޒަފުންގެ އަދަދު އެގެން ނެތުމުން، މެޓީރިއަލްގެ އަގާއި ކެއުމާއި މުވައްޒަފުންގެ މުސާރައަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހިފައިވާ ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މައްސަލަތައް އޭސީސީއަށް ހުށަހަޅާފައި ވަނީ، އެ ޕްރޮޖެކްޓުތަކުގައި ގޯސްކޮށް ކަންކަން ކުރި ފަރާތްތައް ހޯދައި، ސާބިތު ކުރެވޭވަރުގެ ހެތްކާއެކު ކަމަށެވެ. އެގޮތުން އެ މައްސަލަތަކުގެ ތެރެއިން އެކި މައްސަލަަތަކުގައި އެކި މިންވަރަށް އެކި ފަރާތްތައް ބައިވެރިވެފައިވާ ކަމަށާއި އޭގެ ތެރޭގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.