ފްރާންސް ލީގުގެ އެއްވަނައިގައި އޮތް ޕީއެސްޖީން ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ލިޔޯން ބަލިކޮށްފިއެވެ.

ޕީއެސްޖީން ރޭ ލިޔޯން ކައިރިން ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ ޕީއެސްޖީން ވަނީ ލީގު ނެގުމާ ގާތަށް ޖެހިލައިފައެވެ. ރޭގެ މެޗު ކާމިޔާބުކޮށް، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލީގު ހޯދުމާ ގާތަށް ޕީއެސްޖީން ޖެހިލީ 29 މެޗުން 66 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް މޮނާކޯއިން 29 މެޗުން 55 ޕޮއިންޓް ހޯދާފައިވާ އިރު، ތިންވަނައިގައި އޮތް ބްރެސްޓަށް 30 މެޗުން ލިބުނީ 53 ޕޮއިންޓެވެ.

ރޭގެ މެޗުގެ ފުރަތަމަ 11 އަށްވެސް ޕީއެސްޖީން ކިލިއަން އެމްބާޕޭ ނެރެފައެއް ނުވެއެވެ. އެމްބާޕޭއާ ނުލައި މެޗު ފެށި ޕީއެސްޖީން ހަ މިނެޓްގެ ތެރޭގައި ދެ ގޯލު ޖެހިއެވެ. އެއީ ނެމެންޖާ މަޓިޗް އަތުން ބައިކޮޅަށް ވަން ގޯލެއްގެ އިތުރުން ލޫކަސް ބެރާލްޑޯ ޖެހި ގޯލަކާއެކުގައެވެ.

މެޗުގެ ހުރިހާ ގޯލެއްވެސް ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވާ އިރު، ޕީއެސްޖީގެ ޕޯޗުގަލް ފޯވަޑް ކޮންކާލޯ ރާމޯސް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. މެޗުގައި ލިޔޯންގެ ހަމައެކަނި ގޯލު ޖެހީ އާނެސްޓް ނުއާމާއެވެ.

ޕީއެސްޖީން މި ސީޒަނުގައި ޔޫރަޕްގެ ޗެމްޕިއަން ކަމުގެ އިތުރުން ލީގު ތަށްޓަށް ވާދަކުރަމުންދާ އިރު، މިދިޔަ ހަފުތާގައި އެޓީމުން ވަނީ ބާސެލޯނާ ކަޓުވާލައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ޕީއެސްޖީން ނުކުންނަން ޖެހެނީ ޖަރުމަނު ބްރޫޝިއާ ޑޯޓުމަންޑާ ދެކޮޅަށެވެ.