އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުން ސާފުވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބީ ލިބިވަޑައިގެންނެވީ، "ހުސްގޮނޑި" ބަހައްޓައި ވަކި ބޭފުޅެއްގެ ފޮޓޯ ޖައްސަވައިގެން ނޫންކަން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މި ފަހަރުވެސް މާމިގިލީ ދާއިރާގެ ގޮނޑި ކަށަވަރުކުރެއްވި ގާސިމް ރޭގެ ވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2023ގެ ރިޔާސީ އިންތިހާބުވެސް އިއްޔެ އޮތް މަޖިލީސް އިންތިހާބުވެސް ކާމިޔާބު ވުމުގެ ފަހަތުގައި އޮތީ ނުހަނު ހުތޫރަތްތެރި ހާލަތެއްގައި ނުހަނު އިހްލާސްތެރި ކަމާއެކު ރައީސް ޑރ މުއިއްޒާއި އެމަނިކުފާނުގެ ޓީމު ކުރެއްވި ބުރަ މަސައްކަތްފުޅުތަކުގެ ނަތީޖާ ކަމަށެވެ.
"އެ ކާމިޔާބަކީ ވަކި ބޭފުޅަކަށް ހުސްގޮނޑި އެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީއްޖާ އެއް ނޫންކަން މިއަދު ރައީސް ޑރ މުއިއްޒު އަށް ރައްޔިތުން ދެއްވި ތާއީދާއި ދެއްވި ފުރިހަމަ މެޖޯރިޓީން އެ ވަނީ އެނގި ކަށަވަރުވެފައެވެ. އެހެނީ މިފަދަ ބޮޑު ކާމިޔާބީ އެއް ހޯއްދެވި އިރު އެއްވެސް ޖަލްސާއެއް ގައި ހުސްގޮނޑި އެއްވެސް ނުވަތަ ވަކިބޭފުޅެއްގެ ފޮޓޯއެއް ވެސް ބަހައްޓާފައިވަނިކޮށް ނުފެނެ އެވެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ހުސްގޮނޑި އެ ނިސްބަތްކުރައްވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޕީޕީއެމް/ޕީއެންސީގެ އޭރުގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހާއްސަ ހުސްގޮނޑިއެއް ބައެއް ޖަލްސާތަކުގައި ބެހެއްޓުމާއި އެ މަނިކުފާނުގެ ފޮޓޯ ޖައްސަވައިގެން ބައެއް ޕޯސްޓަރުތައް ހެދުމުންނެވެ.
ގާސިމް ވިދާޅުވީ، އިއްޔެގެ ވޯޓުން ސާފުވީ، ހުސްގޮޑި ނިސްބަތްވާ ފަރާތުން ރައީސް ޑރ މުއިއްޒާއި އެ މަނިކުފާނުގެ ސަރުކާރާ ގުޅޭގޮތުން ފަތުރުއްވަމުން ގެންދެވި އިހާނެތި ވާހަކަތަކާއި މެދުކެނޑުމެއްނެތި ކުރިމަތި ކުރައްވަމުން ގެންދެވި އަދި ގެންދަވާ ތުހުމަތުތަކާއި ކުރައްވަމުން ގެންދަވާ މިފަދަ ހަޑިހުތުރު އަމަލުތައް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބަލައިނުގަންނަ ކަން ކަމުގައެވެ.
"މި ބޭފުޅުން މަޖިލީހުގެ އިންތިހާބަށް ނެރުއްވި އެއްވެސް ކެނޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ވެފައި ނުވާކަމީވެސް ފެންނާން އޮތް ހަގީގަތެވެ." ރައީސް ޔާމީނަށް ނިސްބަތް ކުރައްވައި ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީން ހޯދުމަކީ، ރައީސް މުއިއްޒަށް ދިވެހިންގެ މެދުގައި އޮތް އިތުބާރާއި ޔަގީންކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
ގާސިމް ވަނީ އޭނާ އެދިވަޑައިގެން ނޫން ނަމަވެސް މި އިންތިހާބުގައި މާމިގިލީ ދާއިރާއަށް ވާދަކުރުމުން، އެ ދާއިރާއަށް ޕީއެންސީ އިން ކެނޑިޑޭޓަކު ނުނެރުއްވައި ތާއީދު ކޮށްދެއްވީތީ ރައީސް ޑރ. މުއިއްޒު އަށް ޝުކުރު ދަންނަވައިފައެވެ.
އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ގައި ސަރުކާރު ހިންގާ ޕީއެންސީން ވަނީ 66 ގޮނޑި ހޯދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު