ޖަޕާނުގެ މިލިޓަރީ ދެ ހެލިކޮޕްޓަރު ވެއްޓި ހަތް މީހުން ގެއްލިއްޖެއެވެ.

ޖަޕާނުގެ ޑިފެންސް މިނިސްޓަރު މިނޮރޫ ކިޔާރާ ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު މިލިޓަރީ ތަމްރީނުތަކެއްގައި ހަރަކާތްތެރިވަނިކޮށް ދެ ހެލިކޮޕްޓަރު ވެއްޓިފައިވަނީ ޕެސިފިކް ކަނޑަށް ކަމަށެވެ.

ދެ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގެ ފަހުގެ މައުލޫމާތު ދެމުން މިނޮރޫ ވިދާޅުވީ އެ ދެ ހެލިކޮޕްޓަރުން ދަތުރުކުރި މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ކަނޑު އަޑިން ހޯދިފައިވާ ކަމަށާއި ބާކީ ތިބި ހަތް މީހުން ގެއްލިފައިވާ ކަމަށެވެ.

ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސް އިން ބުނީ އެ ހާދިސާ ހިނގާފައިވަނީ ދެ ހެލިކޮޕްޓަރު އެކަތި އަނެކައްޗާ މުޑި އަރައިގެން ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

ދެ ހެލިކޮޕްޓަރުގެ ފްލައިޓް ރެކޯޑަރުތައް ހޯދައިފައިވާ އިރު، މިހާރު ކުރިޔަށްދަނީ އެ ރެކޯޑަރުތައް އެނަލައިޒް ކުރުމުގެ މަސައްކަތް ކަމަށް އޮފިޝަލުން ބުނެއެވެ.

އެމެރިކާ ސަރުކާރުން ވެސް ވަނީ ޖަޕާނުން ޕެސިފިކް ކަނޑުގައި ކުރިޔަށް ގެންދާ ދެ ހެލިކޮޕްޓަރުން ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަންގައި ބައިވެރިވެފައެވެ.