ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް އެމެރިކާއިން ވީޓޯ ކުރުމުން ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފަލަސްތީނަށް ޔޫއެންގެ ފުރިހަމަ މެމްބަރުކަން ދިނުމަށް އިއްޔެ ހުށަހެޅުމުން އެމެރިކާއިން ވަނީ ވީޓޯ ކޮށްފައެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޫއެންގައި ހިމެނޭ 140 އަށް ވުރެ ގިނަ ގައުމުތަކާ އެކު ރާއްޖެއިން ވަކަލާތު ކުރަނީ، ފަލަސްތީނަކީ ޔޫއެންގެ ފުރިހަމަ މެންބަރު ގައުމަކަށް ހެދުމަށް ކަމަށެވެ. އަދި ވިދާޅުވީ ޔޫއެންއިން ހަމަހަމަކަމާއި އިންސާފު ހުރިހާ ގައުމަކަށް ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޔޫއެންގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން ބުނީ ރާއްޖެއިން މަސައްކަތް ކުރާނީ ފަލަސްތީނަކީ ޔޫއެންގެ ފުރިހަމަ މެންބަރު ގައުމަކަށް ހެދުމަށް ކަމަށާއި އެފަދައިން މަސައްކަތް ކުރުމަށް ޔޫއެންގެ ހުރިހާ ގައުމަކަށް ގޮވާލާ ކަމަށެވެ.

ރާއްޖެއިން ބުނީ ޔޫއެންގެ ސަލާމަތީ މަޖިލީހުގެ އެޖެންޑާގައި އެ މައްސަލަ އޮންނަނީ އިޒްރޭލުން ފަލަސްތީނު ރައްޔިތުންނާ މެދު ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ހިންގާ އަމަލުތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް، ސަލާމަތީ މަޖިލީހުން އެކަން ހުއްޓުވުމަށް ފެއިލްވެފައިވާ ކަމަށް ރާއްޖެއިން ބުންޏެވެ.

ފަލަސްތީނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ހަރަކާތްތައް ހުއްޓޭނީ އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާކޮށް، ފަލަސްތީނަކީ ޔޫއެންގެ މެންބަރު ގައުމަކަށް ހަދައި، އެ ގައުމުގެ މިނިވަން ކަމަށް އަޑު އުފުލައިގެން ކަމަށެވެ.