މިއަހަރު ނިމުމުގެ ކުރިން އެއާ އެމްބިއުލާންސްގެ ހިދުމަތަށް ހެލިކޮޕްޓަރެއް ގެނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފުވައްމުލަކު ސިޓީއަށް މިރޭ ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ ބައްދަލުވުމުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެންމެ މުހިންމު ވައުދަކީ ބޭރުގެ ސިފައިން ފޮނުވާލުން ކަމަށާއި އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި އެ ވައުދު މިހާރު އެދަނީ ފުއްދެމުން ކަމަށާއި ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން މެއި މަހުގެ 10 ފަހުން ނުތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީހަކު ބަލިވެއްޖެ ނަމަ، މީގެ ކުރިން އެދެން ޖެހިފައިވަނީ ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމަށް ކަމަށާއި ނަމަވެސް މިހާރު އަމިއްލައަށް ކުރެވޭނެ މަގު ފަހިކުރެވިފައިވާ ކަމަށެވެ. އެގޮތުން އެއާ އެމްބިއުލާންސް ސާވިސް ގާއިމް ކުރެވިފައިވާ ކަމަށާއި އޭގެ ފަހުން މަތިންދާ ބޯޓާއި ސީޕްލޭނުން ރާއްޖޭގެ ކޮންމެ ދިމާލަކުންވެސް ބަލި މީހުން އުފުލަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުމެންނަށް ހާސިލްވެގެންދިޔަ ކާމިޔާބެއް. މިހާރު އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މަގުމަތީގައި މި އުޅެނީ. އެކަން އެހިސާބުން ނިމުނީއެއް ނޫން. އަދި އަޅުގަނޑުމެންގެ ފްލީޓް ބޮޑު ކުރާނަން، ބޮޑު ކުރުމުގެ ޕްލޭން މިއޮތީ. އެއަށް އަޅުގަނޑުމެން އިތުރު ކުރާނަން އިތުރު މަތިންދާ ބޯޓް ތަކާއި ހެލިކޮޕްޓަރުތަކާ. މިއަހަރު ނިމުމުގެ ކުރީގައި ހެލިކޮޕްޓަރެއް މެޑިކަލް އިވެކުއޭޝަނަށް ހާއްސަ ކުރެވިފައިވާ ހެލިކޮޕްޓަރެއް ގެނެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމުގެ ގާބިލުކަން ރާއްޖެއަށް ލިބިފައިނުވާ ކަމަށާއި މުޅިންވެސް އެހެން ގައުމެއްގެ އެހީތެރިކަމާ އެކު ނޫނީ އެކަން ކުރެވިފައިނުވާ ކަމަށެވެ. ނަމަވެސް މިއަދު ރާއްޖޭގެ އިގުތިސޯދަކީ ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ ސިފައިން ބަލަހައްޓަމުންދާ ސަރަހައްދެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.