އެ މަނިކުފާނު ޖަލުގައި އޮންނެވި އިރު ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުގެ ތެރެއިން އެ މަނިކުފާނާ މެދު އިހުލާސްތެރިވެވަޑައިގެންނެވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފާއި ރައްޔިތުންގެ މަޖިލީހުގެ މަހިމަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަަދައްކަވަމުން ޔާމީން ވިދާޅުވީ، އެ މަނިކުފާނު ޖަލުގައި އޮންނެވި އިރު އެ މަނިކުފާނުގެ ދިފާއުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ މައުލޫމާތު ރަނގަޅަށް ލިބެމުން ދިޔަ ކަމަށެވެ

"މިހާރުގެ ވީޕީ ހުސެން މުހައްމަދު ލަތީފަކީ އަޅުގަނޑު ގަބޫލު ކުރާގޮތުން ވަރަށް އިހުލާސްތެރިކަމާ އެކީ އަޅުގަނޑު ސަލާމަތް ކުރަން މަސައްކަތް ކުރެއްވި ބޭފުޅެއް އިނގޭތޯ؟ ހަމަ އެގޮތަށް މަހިބަދޫ ދާއިރާގެ މެންބަރު ޓޮމް އަކީ އަޅުގަނޑު ސަލާމަތް ކުރަން ވަރަށް މަސައްކަތް ކުރި މީހެއް އިނގޭތޯ؟ އަޅުގަނޑު އެޔެއް ޑައުޓެއް ނުކުރަން އިނގޭތޯ؟، ތިންވަނަ ބޭފުޅަކީ ލޯކަލް ގަވަމެންޓު އޮތޯރިޓީ މިނިސްޓަރު އާދަމް ޝަރީފް، ހަމަ ވަރަށް އިހުލާސްތެރިކަމާ އެކީ މަސައްކަތް ކުރެއްވި ތިން ބޭފުޅުން މިއީ، އެހެން ބޭފުޅުންގެ ތެރޭގައި ދެން އެއީ ކޮސްމެޓިކް އިނގޭތޯ؟" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ސިޔާސީ ވިސްނުމާއި ފިކުރު މިހާރު ބަދަލުވެފައިވީ ނަމަވެސް އެ މަނިކުފާނަށްޓަކައި ހެޔޮހިތުން ކަންކަން ކޮށްދެއްވި ބޭފުޅުންގެ މަސައްކަތް ބަލައިގަންނަ ކަމަށެވެ.

ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރަކަށް ހުންނެވި ހުސެއިންއަކީ ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ. އާދަމް ޝަރީފަކީ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރަކަށް ހުންނެވި ބޭފުޅާއެކެވެ. އަދި އާދަމް ޝަރީފަކީ ޔާމީނަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެއްވޭ ހާލަތުގައި ޕީއެންސީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕީއެންސީ ސެނެޓު ޕްރައިމަރީގައި ޔާމީނުގެ ތާއީދާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވާދަކުރެއްވި ބޭފުޅާއެވެ.

ޔާމީންގެ ވެރިކަމުގައި ތޯރިގު ވެސް ފާހަގަވެފައިވަނީ ޔާމީންގެ ވަރަށް އިތުބާރު ކުރައްވާ އެ މަނިކުފާނުގެ އަރިސް ބޭފުޅެއްގެ ގޮތުގައެވެ.