ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ކުރި ހުކުމްގެ އިސްތިއުނާފު މައްސަލައިގައި ހުކުމް ކުރުމަށް މާދަމާއަށް ތާވަލުކޮށްފައިވާތީ، އެ އަޑުއެހުމުގައި އެމަނިކުފާނު މިނިވަންވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ދިއްގަރު ދާއިރާއަށް ވާދަކުރައްވާ އަހުމަދު ނާޒިމްގެ ކެމްޕޭން ބައްދަލުވުމުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ޝަރުއީ ދާއިރާ މިނިވަންވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެދުވަހުން ފެށިގެން މި ސަރުކާރުން ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ފޯރުވައިފައެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން އެކި ލެވެލްތަކުން އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ފޮލޯ ކުރާނީ މި އުސޫލު. އެހެންވީމަ ޝަރުއީ ދާއިރާ އެއޮތީ މިނިވަން ކޮށްފައި. ސަރުކާރުގެ ނުފޫޒެއް ނުހިނގާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިފައި އޮންނަ ގޮތުން، އަދިވެސް ބާރުތައް އޮތީ މަޖިލިސް މެޖޯރިޓީ އޮތް، އެމްޑީޕީގެ އަތުގައި ކަމަށެވެ. ހާއްސަކޮށް ޖޭއެސްސީގެ ރައީސަކީވެސް އެމްޑީޕީގެ ބޭފުޅަކަށްވާތީ، ބާރު އޮންނަނީ އެމްޑީޕީގެ އަތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަން މި ސާބިތު ވަނީ މީގެ ދުވަސްކޮޅެއް ކުރިން ނޫންތޯ މަޖިލީހުގެ ރައީސް ވިދާޅުވީ ކުރީގެ ރައީސް، ރައީސް ޔާމީންގެ މައްސަލަ ލަސްވާތީ އެ މައްސަލަ ޖޭއެސްސީން ބަލަން ހުށަހަޅާނަމޭ. ހަމަ އެވާހަކަ ވިދާޅުވިތާ ދެތިން ދުވަސް ތެރޭގައި މިހާރު އެއޮތީ މާދަމައަށް ޝެޑިއުލް ކޮށްފައި. މިއޮތްހާ ދުވަހު އެބޭފުޅުން ހިފެހެއްޓީ ނޫންތޯ، އެބޭފުޅުން ބޭނުންވީމަ ޝެޑިއުލް އެބަ ކުރެވޭ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މީގެ ކުރިންވެސް ރައީސް ޔާމީން މައްސަލަ އަވަހަށް ނިންމައިދޭން އާންމުކޮށް ޖުޑީޝަރީއަށް އެމަނިކުފާނު ގޮވާލައްވާފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އެންމެ ފުރަތަމަ ކަމަކަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލެއްވީ ގެއަށް ބަދަލުކުރެއްވުމަށް ކަމަށެވެ.

ގާނޫނުތަކަށް ބަދަލު ގެނެސްގެން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރައްވާނެ ކަމަށާއި އެއީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ސިޔާސީ ނުފޫޒުން އެއްކިބާ ކުރައްވާނެ ކަމަށާއި އެކަން ކުރެއްވޭނީ ޕީއެންސީގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބު ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން އަޅުގަނޑު ބަދަލުކުރަން ބޭނުންވަނީ މިދެންނެވި ސިޔާސީ މަގާމުތަކުގައި ތިބޭ ސިޔާސީ ގޮތުން އިންތިހާބުވެފައި ތިބޭ މީހުން އެ ޖޭއެސްސީގެ ކޮމްޕޮޒިޝަންގައި ނުތިބެވޭ ގޮތަށް ބަދަލުކުރެވުނު ދުވަހަކުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ބޭނުންފުޅު ރިޓަޔާޑް ޖަޖުންނާއި ސިޔާސީ މަގާމެއްގައި ނެތް މީހުން ޖޭއެސްސީގައި ތިބުން ކަމަށާއި އެހެން ނޫނީ މިނިވަންކަމާ އެކު ޖޭއެސްސީ ނުހިނގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެމްޑީޕީން. މަޖިލީހުގެ ރައީސް އެގޮތަށް ގޮވާލެއްވީމާ އެއޮތީ [ރައީސް ޔާމީންގެ މައްސަލަ] ތާވަލް ކުރެވިފައި. އަޅުގަނޑު ވަރަށް އުފާކޮށްފިން، އުފާކުރަން އެކަން އެގޮތަށް އެހެންވީމަ. އަޅުގަނޑުގެ ދުއާއަކީ ރައީސް ޔާމީން މިނިވަންވެގެން އައުން، މާދަމާގެ ޝަރީއަތުގެ މަޖިލިސް ބޭއްވޭނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ. އަޅުގަނޑުގެ ދުއާއަކީ އެމަނިކުފާނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަންވުން،" ރައީސް ވިދާޅުވިއެވެ.

"މާދަމާ އެމަނިކުފާނު [ރައީސް ޔާމީން] މިނިވަންވުމަކީ އަޅުގަނޑު ވަރަށް އުންމީދު ކުރާ ކަމެއް. އެއަށްފަހު ދެން ފެންނާނީ ރާއްޖޭގެ ހުރިހާ ރައީސުން މިނިވަންކަމާ އެކު އުޅެމުންދާތަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދާ ހަމައަށް އެމްޑީޕީން ޖޭއެސްސީގެ ތެރެއަށް އަތް ބާނައިގެން، އެމްޑީޕީގެ ބާރު ހިންގައިގެން ޖުޑީޝަރީ އަތް ނުފޫޒު ފޯރުވާފައިވާތީ އެކަން ކުށްވެރިކުރައްވާ ކަމަށެވެ.