އދ.ގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ފަލަސްތީނު ހިމެނުމަށް މާދަމާ ނަގާ ވޯޓު ކާމިޔާބުވެއްޖެ ނަމަ ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެވޭނެއެވެ.

އދ.ގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ފަލަސްތީން ހިމެނުމަށް ގޮވާލާއި އދ.ގެ ސަލާމަތީ ކައުންސިލަށް ހުށަހަޅާފައިވާ އެ ގަރާރަކީ 193 މެންބަރުން ހިމެނޭ އދ.ގެ ޖެނަރަލް އެސެމްބްލީގެ ފަރާތުން ހުށަހަޅާފައިވާ ގަރާރެކެވެ.

އެ ގަރާރަށް ވޯޓަށް އެހުމަށް އދ. ގެ ސަލާމަތީ ކައުންސިލުގެ ބައްދަލުވުމެއް މާދަމާއަށް ތައާވަލުކޮށްފައިވާއިރު ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ރާއްޖެ ގަޑިން 11 ޖަހާއިރެވެ.

އެ ގަރާރު ފާސްވުމަށް އދ. ގެ ސަލާމަތީ ކައުންސިލުގައި ހިމެނޭ 15 މެންބަރު ގައުމުގެ ތެރެއިން ނުވަ ގައުމެއްގެ ވޯޓު ބޭނުންވާނެއެވެ. ނަމަވެސް އެމެރިކާގެ އިތުރުން އިގިރޭސި ވިލާތާއި ފްރާންސް އަދި ރަޝިޔާއާއި ޗައިނާއިން އެ ވޯޓު ވީޓޯ ކޮށްފިނަމަ އެ ގަރާރު ފާހެއް ނުވާނެ އެވެ.

އދ.ގައި ފަލަސްތީނަކީ ނޮން މެންބަރު އޮބްޒާވާ ސްޓޭޓެކެވެ. އެއީ 2012 ވަނަ އަހަރު ޖެނަރަލް އެސެމްބްލީގައި އދ. އިން ފަލަސްތީނަށް ދިން މަގާމެކެވެ.