މިއަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ، ނަޒުރާ ނަސީމްއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން، އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ތާއީދުކުރަން ނިންމައިފިއެވެ.

ނަޒުރާއަކީ ކުރީގެ ނައިބު ރައީސް، ފައިސަލް ނަސީމުގެ ކޮއްކޯފުޅެވެ. އަދި ކުރީގެ ޔޫތު މިނިސްޓަރު، އަހުމަދު މަހުލޫފުގެ އަނބިކަނބަލުންނެވެ.

ޕީއެންއެފްއިން މިއަދު ބުނީ އެމްޑީޕީ ކެންޑިޑޭޓަށް ޕީއެންއެފުން ތާއީދުކުރީ "މުއިއްޒު ނޫން ގޮތެއް" ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

ނަޒުރާއަށް ޕީއެންއެފްއިން ތާއީދު ކޮށްފައިވާ އިރު، ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންއެފް ކެންޑިޑޭޓް މުހައްމަދު ޝަރަފުއްދީނަށް ތާއީދު ކުރަން އެމްޑީޕީން ވަނީ ނިންމައިފައެވެ.

ނަޒުރާ ކެމްޕޭނަށް މަހުލޫފު ފުވައްމުލަކުގައި ހަރަކާތްތެރިވަމުންދާ އިރު، އެ ދާއިރާގެ ގިނަ ބަޔަކުގެ ތާއީދު އެބައޮތް ކަމަށް މަހުލޫފު ވަނީ ވިދާޅުވެފައެވެ.