އިދިކޮޅު ފަރާތްތަކުން އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އެ މަނިކުފާނާ ދެކޮޅަށް ދެއްކޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހަތަރު ދުވަސް ފަހުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އިބްރާހީމް މުހައްމަދު (އިބުޓީ) ގެ ކެމްޕޭން ޖަލްސާއެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ރައްޔިތުންގެ ހައްގެއްގައި ޖެހިވަޑައިގެންފައިނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެ މަނިކުފާނާ ދެކޮޅަށް ތުހުމަތުކޮށް ދައްކާ ވާހަކަތަކަކީ އެ މަނިކުފާނު މޭޔަރުގެ މަގާމުގައި ހުންނެވި އިރުވެސް އަދި ރިޔާސީ އިންތިހާބަށް ވާދަ ކުރެއްވުމުން ވެސް ދެއްކި ވާހަކަތައް ކަމަށެވެ. އޭގައި އެއްވެސް އާ އެއްޗެއް ނެތް ކަމަށް ވިދާޅުވިއެވެ.
"ގާނޫނާއި ގަވާއިދާ ހިލާފަށް އޭރުގައި ވެސް ކަމެއް ކޮށްފައެއް ނުހުންނާނެ. މިއަދު ވެސް ނުކުރާނަން އަދި ކުރިއަށް އޮތްތާންގައި ވެސް ނުކުރާނަން. އަޅުގަނޑަކީ އިރާދަކުރެއްވީތީ ރައްޔިތުންގެ ހައްގުގައި، މުދަލުގައި ޖެހޭނެ މީހެއް ނޫން. އަޅުގަނޑަށް މާ މުހިންމު ﷲ ސުބުހާނަހޫ ވަތައާލާގެ ކިބައިން ފުއްސެވުމާއި ރުއްސެވުން ލިބުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ފަތުރާ އިންޓެލިޖެންސް ރިޕޯޓުތަކަކީ ޑްރާފްޓު ރިފޯޓުތަކެއް ކަމަށާއި އެ ރިޕޯޓުތަކުގައި ދައުލަތުގެ އެއްވެސް އިދާރާއެއްގެ ތައްގަނޑު ނެތް ކަމަށެވެ. ހުޅުމާލޭގައި ހުންނަ އެ މަނިކުފާނުގެ ރޯ ހައުސްތައް ވަނީ އެ މަނިކުފާނު މިނިސްޓަރަކަށް ހުންނެވި އިރު، ބޭރުގެ ބަޔަކަށް ކުއްޔަށް ދޫކޮށްފައި ކަމަށެވެ. ރޯ ހައުސްތަކުގެ ކުލީގެ ފައިސާ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ބައްޕާފުޅުގެ ކިބައިން އެމަނިކުފާނަށް ވާރުތަވި މުދާ އެހުރީ ފެންނަން ކަމަށެވެ.
"އެހެންވީމައި ތިބޭފުޅުން ތިގޮތަށް އަޅުގަނޑުގެ ބޮލުގައި ކަމެއް އަޅުވަން އުޅުނަސް، ކުރީގައި ވެސް ނުވި ކަމެއް، ދެނެއް ވެސް ނުވާނެ. އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއް ކަމެއް ވެސް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ މަނިކުފާނަށް ރަނގަޅީ ވެސް އެފަދަ ވާހަކަތައް އެ މަނިކުފާނާ ގުޅުވައި އިދިކޮޅު ފަރާތްތަކުން ފެތުރުން ކަމަށެވެ. ސަބަބަކީ އެކަމުން ބޭޒަރު ވަނީ އިދިކޮޅު ފަރާތްތަކަށްވުން ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު