އަންނަ އާދީއްތަ ދުވަހު ބައްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން މިހާތަނަށް 41 މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މިއަދު ބޭއްވި ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، އިންތިހާބާ ގުޅޭ ގޮތުން މިހާތަނަށް އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ، ކެމްޕެއިން ކުރުމާ ގުޅޭ ފަސް ޝަކުވާއަކާއި އިންތިހާބީ މުވައްޒަފުން "ފޯކަލް ޕޮއިންޓުން، އޮފިޝަލުންނާބެހޭ" އެއް ޝަކުވާއަކާއި ވޯޓުލުމުގެ ހައްގާގުޅޭ 26 މައްސަލައަކާއި ވޯޓުލާ މީހުންގެ ލިސްޓާގުޅޭ ހަތަރު މައްސަލައެއްގެ އިތުރުން ކެނޑިޑެންސީއާގުޅޭ ފަސް މައްސަލައެއް ކަމަށެވެ.

އޭގެ ތެެރެއިން 39 މައްސަލަ ބަލައި ޖަވާބު ދީފައިވާއިރު ބާކީ އޮތް ދެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ އެއީ ހަމައެކަނީ އީސީއަށް ހުށަހެޅި މައްސަލަތައް ކަމަށާއި އޭގެ އިތުރުން އިންތިހާބާ ގުޅޭ ޝަކުވާތަކެއް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ހުށަހެޅި ޝަކުވާތަކަށް ބަލާއިރު ކަންބޮޑުވާން ޖެހޭވަރުގެ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.