މަސްތުވާތަކެތީގެ މުއާމަލާތްތަކާއި ހަށިވިއްކުމަށް ހާއްސަކޮށްގެން ޓެލެގްރާމް ޗެނެލްތަކެއް ހިންގި މައްސަލައިގައި، އެކަންކަމުގައި އެހީތެރިވެދިން ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފިއެވެ.

ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، ޖަޒީރާ ސްކޭމް އެލާޓް، ޖަޒީރާ ލިންކް ހަބަރު އަދި ޖަޒީރާ އެސްކޯޓް ގެލެރީގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ހުއްދަ ނޫން އެތައް ވިޔަފާރިއެއް ހިންގަމުން ދިޔަ ޓެލެގްރާމް ގުރޫޕްތަކެއްގެ މައްސަލަ ތަހުގީގުކޮށް އެ ޗެނަލްތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނަކު މިދިޔަ މަހު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ދެމަފިރިންނެވެ.

އިސްކަންދަރު ކޮށީގައި މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސައިބާ ޕޮލިސިން ސެންޓަރުގައި މަސައްކަތްކުރައްވާ އިންވެސްޓިގޭޓިވް އޮފިސަރު އާމިނަތު މުހައްމަދު ވިދާޅުވި ގޮތުގައި ޓެލެގުރާމްތަށް ހިންގާ މީހުންނަށް އެހީތެރިވެ، ހަށިވިއްކަން މީހުން އެކި ތަންތަނަށް އުފުލަނީ އެކަމަށް ހާއްސަ ޓެކްސީއެއްގައި ޓެކްސީ ޑްރައިވަރާވެސް ގުޅިގެންނެވެ.

ޕޮލިސް މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ އެ މައްސަލައިގައި އިތުރު މީހަކު މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 60 އަހަރުގެ މީހެއް ކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް "ވަން" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި އެންމެ ފަހުން ހައްޔަރުކުރީ ޓެކްސީގެ ޑްރައިވަރެވެ.