އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި ބޮޑު ތަފާތަކުން އެވަޓަން ބަލިކޮށްފިއެވެ.
ޗެލްސީން ރޭ އަމިއްލަ ދަނޑުގައި އެވަޓަން ބަލިކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ޗެލްސީގެ ތަރިއަކީ މި ސީޒަނުގައި މިހާތަނަށް އެޓީމަށް ތަފާތު ދައްކަމުން އަންނަ އުމުރުން 21 އަހަރުގެ ކޯލް ޕާމާއެވެ. އިންގްލެންޑް ފޯވަޑް ޕާމާ ވަނީ މެޗުގައި ހަތަރު ގޯލު ޖަހައިފައެވެ.
ޕާމާ، ޗެލްސީން އެންމެފަހުން ލީގުގައި ކުޅުނު ހަތް މެޗުގައިވެސް ގޯލު ޖެހި އިރު، އޭނާއަކީ އެ ކާމިޔާބީ ހާސިލްކުރި ޗެލްސީން ފުރަތަމަ ކުޅުންތެރިޔާއެވެ. އަދި އޭގެ އިތުރުން އޭނާ ވަނީ ޗެލްސީއަށް އެއް މެޗެއްގައި ހަތަރު ގޯލު ޖަހައިދިން މަދު ކުޅުންތެރިންގެ ލިސްޓުންވެސް ފުރުސަތު ހޯދާފައެވެ. ޕާމާގެ އިތުރުން ޗެލްސީއަށް އެއް މެޗެއްގައި ހަތަރު ގޯލު ޖަހައިދީފައިވަނީ ފްރޭންކް ލެމްޕާޑާއި، ފްލޮއިޑް ހަސެލްބައިންކް އަދި ޖިއާންލޫކާ ވިއާލީއެވެ. ޕާމާގެ ކުރިން އެންމެފަހުން އެކަން ކުރި ކުޅުންތެރިޔަކީ ލެމްޕާޑެވެ. އެއީ 2010 ވަނަ އަހަރުއެވެ.
ރޭ ހޯދި މޮޅާއެކު، ނުވަ ވަނައިގައި އޮތް ޗެލްސީއަށް ވަނީ ތާވަލުގައި ކުރިއަށް ޖެހިލަން އުންމީދެއް ލިބިފައެވެ. މިވަގުތު 31 މެޗުން 47 ޕޮއިންޓާއެކު ޗެލްސީ އޮތް އިރު، އަށް ވަނައިގައި އޮތް ވެސްޓް ހަމްއަށް 33 މެޗު ކުޅެގެން ހޯދުނީ 48 ޕޮއިންޓެވެ. ހަވަނައިގައި އޮތް ނިއުކާސަލްއާއި ހަތް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށްވެސް 32 މެޗުން 50 ޕޮއިންޓް ލިބިފައިވާ އިރު، މެޗު ހަމަކޮށް ޗެލްސީއަށް ޔުނައިޓެޑްގެ ކުރިއަށް ޖެހިލެވޭނެއެވެ. އެއީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ރޭ ޗެލްސީން ވަނީ މެޗު ރަނގަޅަށް ފަށައިފައެވެ. މެޗުގެ ފުރަތަމަ ގޯލު 13 ވަނަ މިނެޓުގައި ޕާމާ ޖެހި އިރު، 18 ވަނަ މިނެޓާއި 29 ވަނަ މިނެޓްގައި އިތުރު ދެ ގޯލު ޖަހައި މަދު ވަގުތު ކޮޅަކުން ހެޓްރިކް ފުރިހަމަ ކުރިއެވެ. އަދި ހާފު ނިމުމުގެ ކުރިން ނިކޮލަސް ޖެކްސަން އިތުރު ގޯލެއް ޖެހިއެވެ.
ދެވަނަ ހާފުގައި ޕާމާގެ ޕެނަލްޓީއެއް ކާމިޔާބު ކުރި އިރު، އެޓީމުގެ ފަހު ގޯލު ޖެހީ ޒުވާން ޑިފެންޑަރު އެލްފީ ގިލްޗްރެސްޓެވެ. އެއީ ޗެލްސީ އެކަޑެމީން ސީނިއާ ޓީމަށް ނުކުމެ ކުޅެމުންދާ ކުޅުންތެރިއެކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު