މައްސަލަ ހައްލުކޮށް ކުޅުދުއްފުށި ސިޓީއަށް އަލުން ކަރަންޓު ދީފިއެވެ.

ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލު ނުވެ ގިނަ ދުވަސްތަކެއްވެފައިވާ އިރު، މިއަދު ހެނދުނު 9:15 އިން ފެށިގެން މުޅި އެ ސިޓީން ވަނީ ކަރަންޓު ކެނޑިފައެވެ. އެ ރަށުން ކަރަންޓު ކެނޑުނީ ރަށަށް ކަރަންޓު ދޫކުރަމުންދާ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައިގެންނެވެ.

އެ މައްސަލަ ހައްލުނުވެ، ގިނަ އިރުވާތީ، ފެނަކައަށް އެހީވުމަށް ސްޓެލްކޯގެ ގިނަދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް މިއަދު ވަނީ ކުޅުދުއްފުއްޓަށް ގޮސްފައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކުންފުނީގެ ތަޖުރިބާކާރު ޓީމާއި ފެނަކައިގެ މުވައްޒަފުން ކުރި ކަސައްކަތުން ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މިހާރު ކަރަންޓު ދެވިފައިވާ ކަމަށެވެ.

"ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް ދެއްވަވަމުންގެންދަވާ ހަރުދަނާ އިރުޝާދުތަކަށް ޝުކުރު ދަންނަވަން. މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގައުމީ ވާޖިބެއް ކަމުގައި ދެކި ތިޔަ މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ފަހުރުވެރިކަމާއެކު، ސާބަހާއި ޝުކުރު ދަންނަވަން. ޝުކުރިއްޔާ!،" ފަހުމީ ވިދާޅުވިއެވެ.

ކުޅުފުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލު ނުވެ ގިނަ ދުވަސްވެފައިވާތީ މިދިޔަ ހަފުތާގައި އެ ސިޓީގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ.

ކުޅުދުއްފުށީ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން 800 ކިލޯ ވޯލްޓްގެ ޖަނަރޭޓަރެއް އިންސްޓޯލްކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފެށީ މިމަހުގެ ހަވަނަ ދުވަހުއެވެ.