ކުޅުދުއްފުށި ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން، ސްޓެލްކޯގެ ޓީމެއް އެ ސިޓީއަށް ފުރައިފިއެވެ.

ކުޅުދުއްފުށި ސިޓީން ކަރަންޓް ކެނޑޭ މައްސަލަ ދިމާވެ، އެކަމުގެ ތަކުލީފުގައި ރައްޔިތުން އުޅޭތާ މަހެއްހާ ދުވަސް ވެއްޖެއެވެ. އަދި މިއަދު ހެނދުނު 9:15 އިން ފެށިގެން ވެސް މުޅި އެ ސިޓީން ވަނީ ކަރަންޓު ކެނޑިފައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފެނަކައިގެ އެދުމުގެ މަތިން ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އެކުންފުނީގެ ގިނަދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް އެ ސިޓީއަށް ދަތުރު ކުރަމުންދާ ކަމަށެވެ.

"އެ ސިޓީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ސްޓެލްކޯގެ ޓީމާއި ފެނަކައިގެ މުވައްޒަފުން ގުޅިގެން އެ މައްސަލަ ހައްލުކޮށް، ވީއެންމެ އަވަހަކަށް އެ ސިޓީގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ،" ފަހުމީ ވިދާޅުވިއެވެ.

ފެނަކައިން ބުނީ މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދެވޭނެ ކަމަށް ލަފާކުރެވެނީ މިއަދު 18:00 ގައި ކަމަށެވެ.

ކުޅުފުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލު ނުވެ ގިނަ ދުވަސްވެފައިވާތީ މިދިޔަ ހަފުތާގައި އެ ސިޓީގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ.

ކުޅުދުއްފުށީ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން 800 ކިލޯ ވޯލްޓްގެ ޖަނަރޭޓަރެއް އިންސްޓޯލްކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފެށީ މިމަހުގެ ހަވަނަ ދުވަހުއެވެ.