ކްލަބު ތާރީހުގައި ފުރަތަމަ ފަހަރަށް ބަޔާން ލެވަކޫސަންއިން ޖަރުމަނު ލީގު ކާމިޔާބު ކޮށްފިއެވެ.

މިރޭ ލީގުގައި ލެވަކޫސަންއިން ކުޅުނު މެޗުގައި 5-0 އިން ވާޑާ ބްރެމެން ބަލިކޮށް ލީގު ޔަގީންކުރީ، ބާކީ ފަސް މެޗު އޮއްވައެވެ. އަދި މިހާތަނަށް މި ސީޒަނުގައި ލެވަކޫސަން އެންމެ މެޗަކުންވެސް ބަލިވެފައެއް ނުވެއެވެ. އެޓީމުން ލީގުގައި ކުޅުނު 29 މެޗުން، 79 ޕޮއިންޓް ޔަގީން ކޮށްފައިވާ އިރު، އެޓީމުން ވަނީ 25 މެޗުން މޮޅުވެފައެވެ. އަދި އެއްވަރުވީ އެންމެ ހަތަރު މެޗުންނެވެ.

މިދިޔަ 11 އަހަރު ޖަރުމަނު ލީގު ނެގި ބަޔާން މިއުނިކް މި ސީޒަނުގެ މިހާތަނަށް ކުޅުނު 29 މެޗުން އެޓީމަށް 63 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ސްޓަޓްގާޓަށްވެސް އެ އަދަދަށް މެޗު ކުޅެގެން ލިބުނީ 63 ޕޮއިންޓެވެ. އެހެންކަމުން ދެން ލެވަކޫސަން އަތުވާނެ ޓީމެއް ލީގު ރޭހުގައި ނެތެވެ.

މިރޭގެ ކާމިޔާބީއަކީ ލެވަކޫސަންއާއި ކޯޗު ޒަބީ އެލޯންސޯއަށްވެސް ތާރީހީ ކާމިޔާބީއެކެވެ. ޒުވާން ކޯޗު އެލޯންސޯގެ ކެރިއަރުގައި ފުރަތަމަ ބޮޑު ޗެލެންޖް އޭނާ ފުރިހަމަ ކުރަމުންދާ އިރު، އަދި މި ސީޒަނުގައި ޖަރުމަނު ކަޕާއި ޔޫރޮޕާ ލީގު ހޯދަންވެސް ލެވަކޫސަންއަށް ފުރުސަތު އެބައޮތެވެ.

މިރޭ ލެވަކޫސަން މޮޅުވި މެޗުގެ ގޯލުތައް އެޓީމަށް ޖަހައިދިނީ ވިކްޓޯ ބޮނިފޭސްއާއި ގްރަނިޓް ޒަކާގެ އިތުރުން ފްލޯރިއަން ވާޓްޒްއެވެ. ވާޓްޒް މެޗުގައި ހެޓްރިކް ހަދާފައިވާ އިރު، ލީގު ކާމިޔާބުވިކަން ޔަގީންވި ހިސާބުން ދަނޑަށް ވަދެތިބި ލެވަކޫސަންގެ ހުރިހާ ސަޕޯޓަރުން ކަހަލަ ގޮތަކަށް ދަނޑަށް ނުކުމެ އުފާފާޅުކޮށްފައިވެއެވެ.