ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިސްތިއުނާފުގެ ޝަރީއަތް ލަސްވަމުންދާ މައްސަލަ އެމްޑީޕީން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިގެން ބެލުމަކީ ޖޯކެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ރައީސް ޔާމީނަށް ހުކުމް އިއްވުން ލަސްވާ މައްސަލަ ޖޭއެއްސީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ. އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ އިއްޔެއެވެ.

ޕްރޮގްރެސިވް ކޯލީޝަނުން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އެކޯލީޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެމްޑީޕީގެ މެޖޯރަޓީ އޮތް ޖޭއެސްސީއަށް އެ މައްސަލަ ބަލަން އަސްލަމް ވަޑައިގަތުމަކީ ބޮޑު ޖޯކެއް ކަމަށެވެ.

ޔާމީންގެ މައްސަލަ ހައި ކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރުންނަކީ އެމްޑީޕީގެ ސަރުކާރުގައި އައްޔަންކުރެއްވި ދެ ފަނޑިޔާރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަޖިލިސް ރައީސް އަކީ ޖޭއެސްސީގައި އިންނަވާ އެމްޑީޕީ ބޭފުޅެއް ކަމަށާއި ޖޭއެސްސީގައި ދެން ތިއްބެވީ ވެސް ހުސް އެމްޑީޕީ ބޭފުޅުން ކަމަށްވެސް ވިދާޅުވިއެވެ.

އާރަށުގެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21ގަ އެވެ. ނަމަވެސް ހަތަރު މަސް ވީ އިރުވެސް އެ މައްސަލައިގައި ހުކުމެއް ނުކުރެއެވެ.