ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

ރައީސް، އައްޑުއަށް ވަޑައިގަތީ މިއަދު ހަވީރުއެވެ. އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެ ސިޓީގެ ކުދި ބޮޑު ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ވަނީ އެއާޕޯޓް ސަރަހައްދަށް ޖަމާވެފައެވެ.

ރައީސްއާ ސަލާމް ކުރުމަށް ދިގު ސަފެއް ދަމާލާފައިވާ އިރު، އެ ހުރިހާ ފަރާތްތަކާ ސަލާމް ކުރެއްވުމަށް ރައީސް 35 ވަރަކަށް މިނެޓް ހޭދަކުރެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ހިތަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

ރައީސް އައްޑުއަށް ވަޑައިގެންނެވީ، ލ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހުއެވެ. އެގޮތުން ރައީސް ވަނީ ލ. މާވަށް، އިސްދޫ، ދަނބިދޫ، ފޮނަދޫ އަދި ގަމަށް ވަޑައިގެން އެރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ.

ރައީސްގެ މިދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މާލެ ވަޑައިގަންނަވާނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.