މާ ލަސްތަކެއް ނުވެ ލ. މާވަށާ ކައިރިން ރިސޯޓުތައް ތަރައްގީ ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް، ލާމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާވަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މާށުގެ ރައްޔިތުންނަށް އާމްދަނީގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުން އިސްކަމެއްދީގެ ކުރަން ނިންމާފައިވާ ކަމެއް ކަމަށާއި އެގޮތުން އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާ ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"ދެންމެ ކައުންސިލް ރައީސް ފާހަގަ ކުރެއްވި ފަދައިން އަދި ކައުންސިލް ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ތަފްސީލް ދެއްވި ފަދައިން ރިސޯޓުގެ މަޝްރޫއުތައް ހިންގުން. އިރާދަކުރެއްވިއްޔާ ހަމަ ތިބޭފުޅުން އެދިލައްވާ ގޮތަށް މާ ލަސްތަކެއް ނުވެ މިރަށާ ކައިރިން ޓޫރިސްޓް ރިސޯޓްތަކުގެ ކަންކަން ފެނިގެންދާނެ. އެކަމުގެ ޔަގީންކަން ތިބޭފުޅުން އަރުވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ގެންދަވަނީ މާވަށު ކައިރިއަށް ތަރައްގީގެ މަޝްރޫއުތައް ގެނައުމަށް، އިންވެސްޓްމެންޓްތައް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެންމެ ބާރު މިނުގައި ކުރައްވަމުން ކަމަށެވެ.

"އެކަން ޔަގީން ކުރައްވަވާ. އޭގެ ނަތީޖާއަކަށް ވާނީ ޒުވާނުންނަށް ހާއްސަކޮށް އަދި ހުރިހާ ބޭފުޅުންނަށް ހާއްސަކޮށް އާމްދަނީ ހޯދުމަށް ވަޒީފާގެ ފުރުސަތު ރަށު ކައިރިން ލިބުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިން ނިންމާފައި އޮތް 15 ހެކްޓަރުގެ ބަދަލުގައި މާވަށަށް 30 ހެކްޓަރުގެ ބިން ހިއްކައިދެއްވާނެ ކަމަށެވެ. އަދި ބިން ހިއްކައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައްވެސް ހިންގައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މާވަށުގެ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.