ލ. ކައްދޫން، ފާތިމަތު ލިޔުޝާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލާމު އަތޮޅަށް ވަޑައިގަންފިއެވެ.

ލާމު އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ކައްދޫ އެއާޕޯޓަށް މިއަދު ހެނދުނު ވަޑައިގެންނެވުމުން، ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔައިފައެވެ.

މި ދަތުރުގައި ރައީީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ލ. މާވަށް، އިސްދޫ، ދަނބިދޫ، ފޮނަދޫ، އަދި ގަމަށެވެ.

މި ދަތުރުފުޅުގައި އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ހައްދުންމަތީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅަށްފަހު، މާދަމާ ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މަޖިލިސް ކެމްޕޭނަށް ކުރައްވާ މި ދަތުރުފުޅުގައި އައްޑޫ ސިޓީ ހިތަދުއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.